އިންތިހާބުތަކުގައި އެހީތެރިޔަކާއި ނުލައި ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވަޑައިގެން 51 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖީހާން ހުށަހަޅުއްވާފައި ބިލުގައި ބުނެފައިވާ ގޮތުގައި ބިލުގައި ބުނީ ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން ވޯޓުލާން ހާޒިރުވި މީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަން ދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ލޯފަން މީހާގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޖީހާން ވަނީ ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދާފައިވާ ކަރުދާހުގެ ޓެމްޕްލޭޓްގެ ސާމްޕަލްއެއް ދައްކަވާލައްވާފަ އެވެ.