ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނުބާއްވާ، ޖަލްސާ ނުބޭއްވި ސަބަބު މަޖިލީހުން ހާމަ ނުކުރިއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22 ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އެހެންވެ މަސައްކަތްތައް އެ ދުވަހު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އޭގެ ޖެހިގެން އައި ދުވަހު އަޑުގަދަކުރާތީ ޖަލްސާ ކުރިއަށް ނުގެންދެވުނު އިރު މިދިޔަ ބުދަ ދުވަހު ޖަލްސާ ނުބާއްވަ އެވެ،

އޭގެ ފަހުން މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ކުރިއަކަށް ނުދިޔަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ނުބޭއްވި އިރު އެކަމާ ގުޅޭ ގޮތުން މަޖިލީހުން ވަކި އެއްޗެއް ނުބުނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއުއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނެއް ނުނަންގަވައެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާ ނުބޭއްވީ ކޯރަމް ހަމަނުވާނެ ކަމަށް ބެލެވޭތީއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގިނަ މެމްބަރުން މިހާރު ވެސް އުޅުއްވަަނީ ކެމްޕޭންއަށް ރަށުން ބޭރުގައެވެ.

މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގައި 57 މެންބަރުންނާއި ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕީއެމްގެ ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުންނާ އެކު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    މަޖިލީހުގެ ޖަލްސާ ނުބާއްޥާ މަޖިލީހަށް ވެރިވެގެން އުޅޭ ވަގު ނަސީދު މާލޭގެ މަގުމަތީގަ ޕާޓީ ކެމްޕޭނަށް ނިކުމެ އުޅުނީ . އިހްލާސްތެރިކަމެއްނެތެއްނު

  2. ކާސިންބެ

    މެންބަރުންގެ މުސާރައާއި އިނާޔާތް ތައް ކުޑައީ ކަންނޭގެ
    އަމިއްލެޔަށް އަދިވެސް ބޮޑު ކޮއްލަން ފެނޭ
    މިއީ ޖާދޫހަދާ ބައެއް
    އާރާއި ބާރާއި ނުފޫޒު ހޯދައިގެން ތިބި ބައެއް