އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާ މެދު ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށާއި މި މާޙައުލުގައި އުޅެ ބޮޑެތިވަމުން އަންނައިރު، ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން މިއަދު ތިބުމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލިޔުންތެރިންގެ ގުޅުމުގެ 13 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ "މެރިޓް ސްކޮލަރޝިޕް"ގެ ޝަރުތުތައް ކަނޑައެޅުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ.

"މޮޅެތި ކުދިންނަށް މެރިޓް ސްކޮލަރޝިޕެއް ދިނުމަށް އަޅުގަނޑުމެން ނިންމިއިރުގައި، ޝަރުޠެއްގެ ގޮތުގައި މި ބެލީ، ޔުނިވަރސިޓީ އަށް ވަންނަން ބޭނުންވާ ތިން މާއްދާއިން A ސްޓާރ ހޯދައިފި ކޮންމެ ކުއްޖަކަށް އެ ސްކޮލަރޝިޕް ދޭން. އިއްޔެގެ އެ ވާހަކަތަކުގައި ވަރަށްގިނަ ޚިޔާލުތައް ފާޅުކުރެވުނު. ބޭރުގެ ޔުނިވަރސިޓީއަކަށް ވަންނާކަށް ދިވެހި ބަހެއް ބޭނުމެއްނުވޭ. އެހެންވީމާ، ދިވެހި ބަސް މީގައި ހިމަނާނެތޯ، ނޫންތޯ. ނޫނީވިއްޔާ ދިވެހި ބަހުގެ ކިހާވަރެއްގެ ފެންވަރު ހުރި ކުއްޖަކަށްތޯ މި ސްކޮލަރޝިޕް ދޭނީ. ބައެއް ބޭފުޅުންގެ ވާހަކައިގައި ވިދާޅުވި، ވަރަށް މޮޅެތި ކުދިން ގޮސް ކިޔަވައިގެން އެނބުރި އައިސް މަސައްކަތުގެ މާޙައުލަށް ވަންނައިރުގައި، ދިވެހިބަހުން އެ ވާހަކަ، އެ ކިޔެވި އެއްޗެއް އޮޅުންފިލުވައިދިނުމަށް، ނޫނީވިއްޔާ އެ އޮފީހެއްގައި މަސައްކަތް ކުރުމުގައި ދަތިތަކެއް އެބަހުރޭ. މި ސްކޮލަރޝިޕް ދޭއިރުގައިވެސް މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީރަކު އެވަޒީރުގެ އަމިއްލަފުޅު ތަޖުރިބާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ. "އެ ވާހަކަތަކުގެ ތެރޭގައި، އެއް ވަޒީރަކު ވިދާޅުވި، ތިމަންނާގެ 7 އަހަރުގެ ދަރިފުޅެއް ހުރެޔޭ. ވާހަކަ ދެއްކުމުގައި ކުޑަކޮށް އުނދަގުލޭ. ވޮކެބްލަރީގައި ގާތްގަނޑަކަށް 25، 30 ބަހޭ ދަރިފުޅުގެ ހުންނަނީ. ތިމަންނާ ދަރިފުޅު ސްކޫލަށް ވައްދައިފީމޭ. ދުވަސްކޮޅަކުން ގެޔަށް އައިސް ބަރާބަރަށް އިނގިރޭސިން އެބަ ވާހަކަ ދައްކައޭ. ދިވެއްސަކުން އަދިވެސް ވާހަކައެއް ނުދެއްކެއޭ. އެކަމަކު ދިވެހިން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އެބަ އެނގެއޭ. އެކަމަކު ޖަވާބުދެނީ އިނގިރޭސިންނޭ. އަޅުގަނޑުމެން ވިސްނަންވީ، މިވަނީ ކީއްތޯ. މިއީ އަޅުގަނޑުމެންގެ ބަހުގައި ހުރި މައްސަލައެއްތޯ، ނޫނީވިއްޔާ ކިޔަވައިދިނުމުގައި ކުރިމަތިވާ މައްސަލައެއްތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރެއްވި ދެދަރިންނާއި ގުޅޭ ގޮތުން އެކުދިންގެ ބައްޕަ ވެސް ވަޒީރުންގެ މަޖިލީހުގައި ވަހަކަދެއްކެވިއެވެ. "ވިދާޅުވި ތިމަންނާ ބޭނުމޭ، އެ ކުދިންނަށް ދިވެހި ދަސްކޮށްދޭން. ބޭރަށް ނުކުމެއްޖައީމޭ، ގޮސް ފިހާރަތަކަށް ވަދެ، ކުޑަކުދިން ކިޔާކަހަލަ ފޮތެއް ހޯދަން އުޅެއުޅެ، ރަނގަޅު ފޮތެއް ތިމަންނާއަކަށް ނުލިބުނޭ. މިއީ އެއް ބޭފުޅަކު ވިދާޅުވި ވާހަކަ. އަނެއް ވަޒީރަކު ވިދާޅުވި، ތިމަންނާގެ ދަރިފުޅާ ތިމަންނާ ގޭގައި މުޅިން ވާހަކަ ދައްކައި އުޅެނީ މުޅިން ދިވެހި ބަހުންނޭ. އެކަމަކު ސްކޫލަށް ވައްދަން ޖެހިއްޖެ. މިހާރު ދަރިފުޅު ގެޔަށް އައިސް ވާހަކަ ދައްކަނީ އިނގިރޭސިންނޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ޙައްލުކުރަން އަޅުގަނޑުމެން އެންމެންނަށް ޖެހިފައި އޮތް ކަމެއްގެ ގޮތުގައި ދެކެން ޖެހެއެވެ. މިއީ ސަރުކާރާއި ރައްޔިތުންގެވެސް ޒިންމާއެއް ކަމަށާއި ބެލެނިވެރިންނާއި ދިވެހިބަހުގެ އަދީބުންނާއި އުސްތާޒުންގެ ވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމަށް އަޅުގަނޑުމެން އަވަސް ޙައްލެއް ނުހޯދައިފިއްޔާ، އިޢާދަނުކުރެވޭފަދަ ގެއްލުންތަކެއް ދިވެހި އަދަބިއްޔާތަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. މީގެ 15، 20 އަހަރު ފަހުން ދިވެހިބަސް ހަމަ އަޅުގަނޑުމެން ބޭނުންކުރުން ވަރަށްބޮޑުތަން ދުރުވެ، އެއާ ދުރުވުމުގެ ބިރު އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެބައޮތް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފިޔަވަޅު

    ރާއްޖޭގަ މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު ނޭނގުންވެސް އެއީ ވަރަށް ބޮޑު މައްސަލައެއް.

    7
    2
  2. ޢަލީ

    އަދިވެސް މުގައްރަރުތައް ބޭރުބަސްބަހަށް ބަދަލުކޮށް ވީހައި މަދުން ދިވެހި ބަސް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރުމުން ތި ޙައްލު ލިބުނީ. މިހާރުވެސް ހަދަނީ އެހެން ވިއްޔާ. އަދި ރަށްރަށުގެ ބަހުރުވައިން ވާހަކަ ދެއްކުން މަނާކޮށް ހަދާ ދަރިވަރުންގެ މާދަރީބަސް ބޭނުންކުރުން މަނާ ކުރުމުން ގައުމީ ލޯތްބާއި ކިޔެވުން އިތުރަށް ރަނގަޅު ވާނެކަމުގެ ބޯދާ ވިސްނުން ދޫކޮށްލާކަށް ނުވޭތޯ. އަލުގަނޑުމެންނަށް ތަރައްގީވެފައިވާ ބޭރުގައުމުތަކުގައި ފެންނަނީ މާދަރީބަހުން ކިޔަވައިދޭތަނާއި ގައުމީ ބަހަށް ލޯބިޖެސުމަށް އެހެން ބަސްތައް ރަސްމީކޮށް ބޭނުންކުރުން ވީހައިވެސް މަދުކޮށަފައި ހުންނަތަން.

  3. ސުންކު

    ޤައުމު ގެ ރައީސް އަށް އިނގިރޭސިން ވާހަކަދައްކަން ނޭންގުމީ ޤައުމަށް ހުރި ބޮޑު ލަދެއް!

    11
    3
  4. އިއްބެ

    ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް އަމިއްލަ ޤަވްމުގެ ބަސް ރަގަޅަށް ރޯނިފިލުމާއި ބޭރު ބަހަކުން ވާހަކަދައްކަން ނޭގުމަކީ ވަރަށް ހަޑި އެހާމެ ނިކަމެތިކަމެއް!

    8
    2
  5. އަިޮލ

    ކޮންމެ ފަހަރަކު ވެސް ޕޯޑިއަމް އަށް އަރާފަ މޮޅު އެއްޗެކޭ ބުނާނެ،، ގައުމު އޮތީ ވިއްކާލާފައެެ

    7
    3
  6. އާދަނު

    ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ތަޢުލީމީ ސެޓިފިކެޓެއްނެތުމާއި ތަޢުލީމީ ވަނަވަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ހުސްކޮށް އޮތުމަކީ ވަރަށް ލަދުވެތިކަމެއް!

    10
    2
  7. އަހްމަދު

    ދިވެހި ކުދިންނަށް ދިވެހި ބަސްކޮށްދޭން ތިބިމީހުންގެ ދަރިން ވާހަކަ ދައްކަނީ ކޮންބަހަކުންތޯ!

    9
    1
  8. ޗަކޮއި

    މިހާރު މުޅި މި ރާއްޖެއަށާއި މުޅި މި ދެކުނު އޭޝިޔާއަށް ދިމާވެފައިވާ ޤައުމީމައްސަލައަކީ ޗޯރު އިބުރޭ.. ސާފުވެއްޖެ؟

  9. ހަނާ

    ދިވެހިބަސްނޭގިގެން ނުވެފަ އޮތީކޮންކަމެއް. ކޮންރިސާޗެއް ދިވެހިބަހުންހަދާފަ އޮތީ.

  10. Anonymous

    ބާ ކައުންސިލްގެ ރައީސަށް ވެސް ދިވެހި ބަހުން ވާހަކަދައްކާކަށެއް ނޭނގެ. އޭނާ މިހާރު އެއުޅެނީ ރާއްޖޭގައި ލޯ ކިޔަވާ ހުރިހާ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވާދިނުން މަނާކުރަން. ދެން ދިވެހިބަސް ކުރިއަރާނީ ކިހިނެއް. ދިވެހި ބަހާ ދެކޮޅަށް ބާ ކައުންސިލުން ކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ބަހުގެ އެކަޑަމީން ބަހެއް ނުބުނޭ.

  11. ޟަނޓޭ

    ކަލެއައް ލިޔަން ކިޔަން ނޭންގުމަކީ މުސީބާތެއް ލޮލް

  12. Anonymous

    ސޭކު ރަސީދު ނެގި ކަހަލަ ސަނަދެއް ރައީސަށް ވެސް ނެންގެވިދާނެ. އެކަމަކު އެކަން ނުކުރައްވަނީ ސޭކުން އުޅޭ އުޅޭ ގޮތަށް ރައީސް ނޫޅުއްވާތީ ދޯ.