ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިންމާލަން މި ދައުރު އިތުރަށް ދަންމާލަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ޖަލްސާތައް މި ފަހުން ހުއްޓިފައިވާ އިރު އިއްޔެއާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުދެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަނީ މިއަދު ޖަލްސާއެއް ފަށައިފައެވެ.

އެ ޖަލްސާ މިއަދު ފެށީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭ މައްސަލައެވެ.

އެ މައްސަލައިގެ ބަހުސްގައި އަސްލަމް ވަނީ މި ދައުރުގެ އެންމެ ފަހުގެ ޖަލްސާ މިއަދުގެ ގޮތުގައި ކަނޑައެޅުމުން އަސްލަމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ކޮމިޓީތައް އެކުލަވާލުމުގެ ކަންކަން ދެން ކުރެވޭނީ މަޖިލިސް ޗުއްޓީ ނިމި އަލުން ޖަލްސާތައް ފެށުމުން ކަމަށެވެ.

އެހެން ކަމުން ކޮމިޓީތަކާ މެދު ގޮތެއް ކަނޑަނޭޅި އަނެއްކާވެސް ރިސެސްއަށް ދެވެނީކަން އަސްލަމް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އަސްލަމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މަޖިލިސް ރިސެސްގައި އޮންނަ އިރުވެސް ހިނގަން ޖެހޭ ކޮމިޓީތަކެއް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަނީ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް އެޖެންޑާގައި ހުރި މުހިންމު މަސައްކަތްތަކުގައި ގޮތެއް ނިމެންދެން ދައުރު އިތުރުކުރުން" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމަށް ފަހުން މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެން ޖަލްސާތައް އަލުން ފެށިއިރު ފަސް ކަމެއް ފުރިހަމަ ފުރިހަމަ ކުރުމަށް ފަހު ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާން އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސްއާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ ހިމެނެއެވެ.