މާލެ ސިޓީ ކައުންސިލުން އީދާއި ގުޅުވައިގެން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާލައިފިއެވެ.

އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތަކުގައި މާލެ ސިޓީ ކައުންސިލުން ވަނީ ކުލަބޮކިތަކާއި ގިޑިގެތައް ހަރުކޮށްފައެވެ.

ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރާނެއެވެ.

އެސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް މިރޭ ދިއްލާލާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައިވެސް، އީދާއި ދިމާކޮށް މާލެއާއި ވިލިމާލެ ޒީނަތްތެރިކޮށް، ދިއްލާލި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ބޮކިތައް ދިއްލުމަށް ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ބޭނުންވީ މިއަހަރުގެ އަޟްޙާ ޢީދަކީ މުޅި މާލެ ސިޓީ އެކަމަށްޓަކައި ޒީނަތްތެރި ކުރެވި އެކަން އިހްތިފާލް ކުރާ އީދަކަށް ހަދަން ކަމަށެވެ.

ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި މޭޔަރ މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: މާލެ ސިޓި ކައުންސިލް

އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާހިނދު، މާލެސިޓީއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށްކަމުން އެ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަ ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އީދަށް މާލެ ދިއްލުމުގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ބޮޑު އީދު ފާހަގަ ކުރުމަށް 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔުން

    ކޮބާ ފަޓާސް އަރުވާތަ؟

  2. ދިރާސާ

    ދާއިމީކޮށް އިސްލާމީ ވަޙްދަތު ފެންނާނެހެން އެކި، އެކި ދީނީ މުނާސަބާ ތަކުގައި ، އެ މުނާސަބާއަކާއި ގުޅޭ ޝިޔާރު ދިއްލޭ ގޮތަށް ތި ގިޑިގެތަށް ބަހައްޓަން ފެނޭ.. ހަމައެކަނި ލައިޓް ސްޓްރައިޕް ތަކުން އެމުނާސަބާއެއްގެ ނަން ނުވަތަ ޝިޔާރު ލިޔެލުމުން އޯކޭވާނެ..