ކީރިތި ގުރުއާންގެ މުސްހަފެއް ސްވިޑެންގައި އަންދާލި މައްސަލަ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން މިރޭ ކުށްވެރި ކުރައްވައިފިއެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ގުރުއާން އަންދާފައި ވަނީ ސްވިޑެންގެ ސްޓޮކްހޯމް މިސްކިތެއްގެ ބޭރުގައި އިރާގުގެ ރައްޔިތެއް ކަމަށްވާ ސަލްވަން މޮމިކާ ނަމަކަށް ކިޔާ މީހެކެވެ. މޮމިކާ އެކަން ކުރީ މި އަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދުވަހުއެވެ. އޭނާގެ މި އަމަލާއި ގުޅިގެން މުސްލިމުން އެކި ގައުމުތަކުގެ ވެރިންނާއި އެ ގައުމުތަކުގައި ތިބި މުސްލިމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ގާސިމް އިނގިރޭސި ބަހުން ކުރެއްވި ޓުވީޓެއްގައި ވަނީ މިދިޔަ ބުދަ ދުވަހު ސްޓޮކްހޯމް މިސްކިތެއްގެ ބޭރުގައި މޮމިކާ ގުރުއާންގެ މުސްހަފެއް އެނދި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މިފަދަ މަންޒަރުތަކަކީ ބަލަން އިންތިހާ އަށް އުނދަގޫ މަންޒަރުތަކެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަކީ އިސްލާމް ދީނާ ދެކޮޅަށް ކުރާ ކަމެކެވެ. އޭނާގެ ޓުވީޓުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސްވިޑަންގެ ސިޔާސީ ޕާޓީ "ފާ-ރައިޓް ޑެނިޝް ޕާޓީ" ގެ ލީޑަރު ރަސްމޫސް ޕަލޫޑާން، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ގުރުއާން އެންދި މައްސަލަ ވެސް ފާހަގަ ކުރައްވާފައިވެއެވެ.

މިއީ ދުނިޔޭގައި އެއް ބަޔަކު އަނެއް ބަޔަކަށް އޮތް އިހްތިރާމް ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން މިފަދަ ގޮތަކަށް ކުރުމަކީ ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމްގެ ޓުވީޓުގައި ވިދާޅުވިއެވެ.

އުމުރުން 37 އަހަރުގެ މޮމިކާއަކީ ކުރިން މުސްލިމެކެވެ. އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ. ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ. އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ޕަލޫޑާން އަކީ މުސްލިމުންނާ ދެކޮޅު ސިޔާސީ ފިކުރެއް ގެންގުޅޭ ސިޔާސީ ލީޑަރެކެވެ. އޭނާ ގުރުއާން އެންދި މައްސަލަ އެ ފަހަރު ވެސް ދުނިޔޭގެ އިސްލާމީ ލީޑަރުންނާއި ގައުމުތަކުން ކުށްވެރި ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    ތިޔަ ހޮވުނީ... އަދި ކިރިޔާތަ ގާސިމާއް އެގުނީ

  2. ތޯތޯ

    އެކަން ކުށްވެރިކުރުން ރަނގަޅު. ނަމަވެސް ވޯޓު ކައިރި ވީމާ ތިހެން ބުނިއިރު، ޔޯގާގެ ޝިރުކާއި ދެކޮޅަށް އަޑުއުފުލީތީވެ ދިވެހިންތަކެއް ހައްޔަރުކޮށް އަނިޔާކުރި އިރު ގާސިމު ހަނު ހުރީ އިބޫ ކިހާ ފައިސާއެއް ދީގެންތޯ؟

    15
  3. ނިޔާ

    ކީރިތި ޤުރުއާނުގެ ކަރާމާތައް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ޤާސިމް މިކަން ކުއްވެރިކުރިޔަސް ބޭރުގެ ސިފައިންނަށް ޖާގަދީ ބިންތަކާ ކނޑުތައް ވިއްކުމަށް ބާރުދީފައިވާތީ ގާސިމަށް ތާޢީނުކުރާ ގިނަބަޔަކު އުޅޭނެ