ކުރިއަށް އޮތް ދެ ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި ޑޯޓުޑޯ ޖައްސާ ނިންމާލާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ދޮރުން ދޮރަށް ހިނގުނަ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ޑޯޓުޑޯ ޖައްސާ ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

"ކެމްޕެއިން ޓީމްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް. މި އިންތިހާބު ޔާމީން ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް ކަން ވެސް ކުރައްވާ ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް، މިހާތަނަށް އައިއިރު އެ މައްސަލައިގެ އަޑުއެހުންތައް ނުފަށައެވެ.

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާމީން ގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެކަމުގެ %100 ޔަގީންކަން ދީފި…ޖަލުގައި އޮތަސް ކަނޑުގައި އޮތަސް ފަސޭހަ ކަމާއެކު އެއްބުރުން ޔާމީން މި އިންތިހާބު ކާމިޔާބު ކުރާނެކަން އެއީ ދިރާސާތަކުންނާއި މުޖުތަމައުގެ ބަސްމަގުން ކަށަވަރު ވެފައިވާ ކަމެއް…

    10
    9
  2. ސަފީ

    އިންތިޚާބު އައިސް ބޯމަތިވިއިރުވެސް ޕީޕީއެމްއިން ހަމައެކަނި ކިޔާ އެއްޗަކީ ޔާމީނުގެ ނަން އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޮންނާނެޔޭ، އަދި އެއްބުރުން އިންތިޚާބު ކަމިޔާބު ކުރާނެޔޭ. ރައްޔިތުންނާއި ގައުމަށްޓަކައި ކޮށްދޭނެ ކަމެއްގެ ވާހަކައެއް ނުދައްކާ.

    4
    1
  3. Anonymous

    އަހަރެމެން ގެއަށް ނުވަންނާތި، ޔާމީނުގެ ޑޮލަރު އެކައުންޓުން ޓްރާންސްފަރ ކުރެވޭގޮތް ހަދާފަ ނޫނީ.

    1
    5
  4. ސުނާރު

    ހެހެ، ކީއްކުރަން 2 ދުވަސް. 2 ގަޑި އިރުން ނިންމަންވީނު! ބޭކާރު ކަމެއްގަ ވަގުތާ ހަކަތަ ނަގާލުން އެއީ އެކަކުވެސް ބޭނުންވާނެ ގޮތެއްނޫން. ޚުދް ޔާމީންވެސް ބޭނުމެއްނުވާނެ. ޢެހެންޏާ ފަހެ ބޮޑުސިންގާ އިންތިޚާބެއްގަ މީގެކުރިން އަހަރެމެން ދެކެނީ އާދައަގެ ކުދި ޕާޓީތައްވެސް ދޮރުންދޮރައް ހިނގުމުގައި އިންތިޚާބުގެ ވޯޓުލާ ނިމޭއިރުވެސް އަވަދިނެތި އުޅޭތަން!

    5
    3