ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން ލ. އަތޮޅުގައި ވަރަށް ވަރުގަދަކޮށް ފަށައިފިއެވެ.

ޖޭޕީގެ ޓީމުގައި އިސްކޮށް ހުންނެވީ ގާސިމްގެ ސްޕެޝަލް އެންވޯއީ އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދެވެ. އިލްހާމްގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހު އާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވައެވެ. މި ޓީމު އެންމެ ފުރަތަމަ ދިޔައީ އިސްދޫ ދާއިރާއަށެވެ.

އިލްހާމް އާއި އޭނާގެ ޓީމު އިސްދޫ ދާއިރާގައި. -- ފޮޓޯ: ޖޭޕީ

އިސްދޫ ދާއިރާގައި ހިމެނޭ ހުރިހާ ރަށަކަށް މި ޓީމު ދިއުމަށް ހަމަޖެހިފައިވާ އިރު، އެ ދާއިރާއަކީ ޖޭޕީ އާއި ގާސިމަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއެކެވެ. މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިސްދޫ ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ ޖޭޕީގެ ޓިކެޓުގައި ނުކުންނެވި އަލީ ހަމީދެވެ. އެކަމަކު، މި އަހަރުގެ ތެރޭގައި އަލީ ހަމީދު ވަނީ ޖޭޕީ ދޫކުރައްވައި ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އިލްހާމް އާއި އޭނާގެ ޓީމު އިސްދޫ ދާއިރާގައި. -- ފޮޓޯ: ޖޭޕީ

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދައި ދިނުމުގެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އޭނާގެ ޓީމު ދާދި ފަހުން ވަނީ ބ. އަތޮޅާއި ރ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.

ގާސިމްގެ ރިޔާސީ ކެމްޕެއިންގެ އެންމެހާ ކަންކަން ރާއްޖެ ބަޔަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ގާސިމް މީގެކުރިން ވަނީ ނިންމަވައިފައެވެ. ދެކުނުގެ ކެމްޕެއިން މެނޭޖަރު އިލްހާމްއާ ހަވާލުކޮށްފައި ވަނީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އޮތީ އިލްހާމްއާ ހަވާލުކޮށްފައެވެ.

އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވާ އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެ ބައިކުޅަ އެއްބައެވެ.

އިލްހާމް އާއި އޭނާގެ ޓީމު އިސްދޫ ދާއިރާގައި. -- ފޮޓޯ: ޖޭޕީ

ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ.

ޖޭޕީގެ ކެމްޕެއިން ވަރަށް ފޯރިއާ އެކީގައި އެހެން އަތޮޅުތަކުގައި ވެސް ކުރިއަށް އެބަދެއެވެ. މި ކެމްޕެއިންގައި ގާސިމް ރަށްތަކަށް ވަޑައިގަންނަވާނެ ވަކި ދުވަހެއް އެ ޕާޓީން އަދި އިއުލާނެއް ނުކުރެއެވެ.

ގާސިމްގެ އަރިސް ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރަކީ ގާސިމްގެ ފަހަރެވެ. އެކިއެކި ހިސާބުތައް ޖައްސަވައި އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ގާސިމަށް މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އަދި ގާސިމްގެ ވަރުގެ ގާބިލް އިތުރު ބޭފުޅަކު މިފަހަރަކު ނެތް ކަމަށް ވެސް އެބޭފުޅުން ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަޒޫ

    ރިޔާޒް ރަޝީދު، އިލްހާމް، ނިހާނު، އަލީ އާރިފު… މިމީސްމީހުން އަތަށް ދީފަ ފޮނުވާ ޕްރޮޑަކްޓެއް ރައްޔިތުން ނުގަންނާނެ، ހިލޭވެސް ބޭނުމެއް ނުކުރާނެ. ތިއެންމެންނަކީވެސް ރައީސް ޔާމީނުގެ ދައުރުގައި ޕީޕީއެމްގެ ހަމަ ތިމަގާމުތަކުގައި ތިބެ ދައުލަތުގެ ފައިސާއިން މުއްސަނދިވެ އެއިރު ގާސިމުގެ ވިޔަފާރި ބަނގުރޫޓްކޮށް ގާސިމުއާއި އާއިލާ ޖަލަށްލާން އެންމެ ގިނަ މަސައްކަތް ކުރިމީހުން. ގާސިމުއަށް އެންމެ މަލާމާތް ކުރިމީހުން. އެއަޑިގަނޑުން އަދިވެސް ގާސިމުގެ ވިޔަފާރިއަށް އަރައިނުގަނެވޭ.

  2. މާމިގިލީ ކޮއި

    މިމީހުން މިއުޅެނީ ވޯޓްގަންނަން ސޭޓް އެއުޅެނީ މާމިގިލިން ބިންތައް އަމިއްލަ މުދަލަށް ހަދަން މިހާރު ވިލާއެއާ ހުރިހާމުއައްޒަފުން އެދަނީ ޕެޓިސަންގަ ސޮއިކުރަމުން ސޮއި ނުކޮއްފި މީހަކު ދާންޖެހޭނީ ގެޔަށް. ނުވިތާކަށް ޖެހިގެން އޮތް ދެރިސޯޓް މީހުންވެސް ގަދަކަމުން ސޮއިކުރުވަނީ. އަދިވެސް ރައީސްކަން