ރާއްޖޭގައި މިއޮތީ ސަދޫމްގައި އޮތްފަދަ ޝަރުއީ ނިޒާމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދުގެ ބަހުގެ ހަމަލާތައް ޝަރުއީ ދާއިރާއަށް އަމާޒުވީ ރ.އަތޮޅު ފުއްގިރި ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން ދައުވާ އުފުލި އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރައި ގެނައުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަދިވެސް ކުރިއަށް ގެންދަން ނިންމުމުންނެވެ. ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާއްދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ސައީދު ވިދާޅުވީ ފަޓާސް ބަރިއެއްހެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަން ނިންމުމަކީ ސަދޫމުން ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. "ގައުމެއް ހަލާކުގެ މަގަށް ދަނީ އަދުލް އިންސާފު ނެތުމުން. މިގައުމުގައި މިހާރު ހިނގަމުން މިދާފަދަ ޖައްބާރު ނުލަފާ ކަންކަން ހިނގަން ފެށުމުން. އީމާންތެރިކަމުގެ އެންމެ ކުޑަ މިންވަރު ހުރި މީހުން ވެސް މިކަންކަމާއި ދެކޮޅަށް ބަސް ބުނަން ޖެހޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ އިން ބޭރަށް ފުރަން ފުރުސަތު ދިނުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ އެންމެ އިސް މީހާ ކަމަށްވާ އަދީބު ފުރުވާލީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އޮތް ހުރަހަކަށް އަދީބު ވެދާނެތީއެވެ. އަދީބު ދައްކަފާނެ ވާހަކައެއްގެ ސަބަބުން އެކަމުގެ ގެއްލުން ރައީސް ސޯލިހަށް އިންތިހާބުގައި ކޮށްފާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ދެން ފާޑުވިދާޅުވީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން ސަލާމަތްވެ އޭނާ ރާއްޖެ އައުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމުން އެކަމަށެވެ. "އެއްދުވަހު ނޫސްތަކުގައި އޮތީ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގޮސް ރައީސް އާއި ބައްދަލުކޮށް ދިން މައުލޫމާތުން ރައީސް ކީރިތި ކުރައްވައިފިއޭ. ޖެހިގެން އައި ދުވަހު ރައީސް ވިދާޅުވީ ތިމަންނަގެ ކުރިމަތީގައި ގާނޫނު ހިނގާނެއޭ. އެކަމަކު ދެން ފެނުނީ އަލީ ވަހީދު އެއްރޭ ދަންވަރު ފުރައިގެން ދިޔަ ތަން. ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާތައް އަނބުރައި ގެނައި މަންޒަރު، ރައީސް ސޯލިހް އިނގިރޭސިވިލާތައް ގޮސް ޑީލެއް ހަދައިގެން އަނެއް ދުވަހު މިގެނައީ ރާއްޖެ. މިއީ ނުލަފާކަން. މިއީ ޖާހިލުކަން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިކަންކަން ލޯ ކުރިމަތީގައި ހިނގަމުން ދާއިރު މުއައްސަސާތަކަށް މިމަންޒަރެއް ނުފެންނަ ކަމަށާއި އެއީ މުއައްސަސާތަކުގައި ތިބި މީހުންގެ ވެސް ޖާހިލުކަން ކަމަށެވެ. "އަޅުގަނޑުމެން އެޗްއާރްސީއެމް އަށް ގޮސް ބުނިން މުއައްސަސާތަކުން ބަސް ބުނާށޭ. ލިބުނު ޖަވާބަކީ އެސްއޯ ފުލުހުން ގެނެސް އަޅުގަނޑުމެން ނެރުނީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ކަންކަމަށް ބަލާއިރު ސިފައިންނާއި ފުލުހުން ނިކުމެ ރައީސް ސޯލިހް ހައްޔަރު ކުރަން ޖެހެއެވެ.

ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވަމުން ސައީދު ވިދާޅުވީ މިއަހަރު ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރައްވާނެ ކަމަށެވެ. އެކަން ކާމިޔާބު ކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ހިތްވަރާއިއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފިނިފެންމާ

    ރައީސް ސޯލިހަށް ވުރެ ކުރިން ކަލޭ ހައްޔަރު ކުރަންވި މާ މަމޮޅުވެގެން ނޫޅެބަ ..... އަދިވެސް ތި ހުނޮނަވަނީ ޕީ.ޕީ.އެމް ގެ ރިޔާސީ ޓިކެޓް ލިބޭނެ ކަމުގެ ހުވަފެނުގަ އެހެންވެ ސައީދުމެން ބޭނުމެއްނުވޭ ރ..ޔާމިނު ސަލާމަތް ކުރާކަށް ތީހަމަ ދައްކާ ދަޅައެއް

    7
    18
    • އަލީ ފާއިޒް

      ހަމަ ސަދޫމުގެ ހުކުމް
      ގަބޫލު ނުކުރިޔަސް މީ ހަގީގަތް
      ސުކުރިއްޔާ ރައީސް، ޒީރޯ ޓޮލެރޭންސް / ތަފާތު ކުރުމެއް ނެތި ވެރިކަމުގައި

      3
      3
      • ލޮލް

        މައުމޫނު ވެރިކަމުން ފެށިގެން މިއަދާހަމައަށް މިގައުމުގައި ސަދޫމު ޖަސްޓިސް ނެތްއިރެއް ދައްކަބަލަ.

  2. Anonymous

    ސަދޫމުގެ އަހުލުވެރިން ތި ބި ނަ މަ މިރާއްޖޭގެ ޝަރުޢީދާއިރާގެ ވާހަކައަޑު އިވުމުން އެމީހުންވެސް ހައިރާންވެއަންތަރީސް ވާނެކަން ކަށަވަރެވެ

  3. މުހައްމދު

    އަހަރެމެން ދެކުނިން ސަދޫމުގައި އޮތްފަދަ ވެރިކަމަކާއި ޝަރުއީ ނިޒާމެއް މިރާއްޖޭގައި އޮށްވާ ކަލޭހަނދާން ނެތުނަސް ވެރިކަމުގައި ހުރި ހިޔަޅެއްގެ އަނިޔާވެރިކަން އިއްޔެ ހިނގިކަމެއްހެން ހަދާން އެބަހުރި ޓިކެޓް ލިބިދާނެ ކަމުގެ އުއްމީދުގައި ތެޅިބާލަނީ

    3
    1
  4. ޒިމާ

    ހަމަ މި ޝަރުއީ ސަދޫމް އޮތީ ޔާމީނުގެ ފަސް އަހަރުގަވެސް. މިއަދު ތިމާ މީހާ މަޅީގަ ނުޖެހުނީސް އޭރު ބާރު އޮތްއިރު ޝަރުއީނިޒާމް އިސްލާހުކޮއް އެއީ އިންސާފުވެރި ތަނަކަށް ކޯޓިތަށް ހެދިނަމަ.

    3
    1
  5. ހަލީމު

    ސައީދުއެވެ. މިރާއްޖޭގައި މިއޮތީ ސަދޫމުގެ ޝަރުޢީ ނިޒާމަށްވުރެ ނުބައި ޝަރުޢީ ނިޒާމެކެވެ. މިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާ ބަޔާންތަކާއި ލިޔެކިޔުންތައް ގެއްލެއެވެ. މިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ރުއްޖެހި ނޫޓަކީ ރިޝްވަތަކަށް ނުވެއެވެ. މި ނިޒާމު އުފެއްދީ މައުމޫނެވެ. މި ނިޒާމުގެ ވަރުގަދަކުރީ ޔާމީނެވެ. ނުކިޔަވާހުރި އިބުރޭ އެއުޅެނީ މި ނިޒާމު ބަދަލުކުރާނެ ގޮތެއް ނޭނގިގެންނެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭނެކަން އަދިވެސް ގަބޫލެއް ނުކުރަން ހެއްޔެވެ؟

  6. ބަޑަންޑޫ

    ސަދޫމާ އަދިލް އިންސާފާ ފަޓާސް ބަރިޔާ ހިރިހާއެއްޗެއް އަހަރުމެންނަށް ދެއްކިމީހާއަަށް އަނެއްކާ ވެރިކަން ހޯދަދޭން ނުކުމެ ސައީދުމެން ޝިޔާމުމެން ތިއުޅޭނީ ބުހުތާނު ދޮގު ވާހަކަ މުޅިން ދައްކަނީ ތިމާމެންގެ ދާއިރާތަކަށް ވެސް ކޮށްދިންކަމެއް ކޮށްދިނީ އިބޫސޯލިހު އަމިއްލަބާރު އޮތްއިރު އެއްވެސްކަމެއް ކޮށްފައެއްނެތް

  7. ރައީ ސް

    އޭނަ ސަލާމަތް ވިޔަސް ގުންޑާ އިންނަށް ވެރިކަން ދުވަހަކު ވެސް ނުލިބޭނެ

    3
    2
  8. ދިވެހި މުސްކުޅިން

    ސައީދު ރިސޯޓުތަކުގެ ފަރަންޖީން ކައިރިން ދަސްކުރީ ތިކަންތައް ދޯ

    3
    2
  9. ސަރަގު

    ފެލިލަފެލިލާ ތިބޭ

    2
    1
  10. މިތުރު

    ޝަރުޢީ ދާއިރާގެ މުވައްޒަފުން އުޅޭ ޙާލެއް ބަލާލާނެ ސިޔާސީ މީހަކުވިޔަސް އެހެންމީހަކުވިޔަސް ނެތް. ޔާމީނަށްވުރެ ހާލުދެރަކޮށް މުވައްޒަފުންތިބީ. އިންސާފުން ގެއްލިފަ.

    1
    1
  11. ނިމުން

    ޥަގު ޖަލުން ދޫކޮށްފިއްޔާ އެވާނީ ސަދޫމް ކުރިކަހަލަ ހުކުމަކަށް.

    3
    1