ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އެރޯ ޓްރެފިކް ލައިޓަށް ބަދަލު ކުރީ މާލެ ކޮޅުން ސިނަމާލެ ބްރިޖަށް އަރަން އޮންނަ ދިމާލުގައި ހުންނަ ޓްރެފިކް ލައިޓާއި ބްރިޖާއި ހަލި މަގު ގުޅޭ ހިސާބުގައި ހުންނަ ލައިޓެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ދަތުރު ކުރާ އިރު، ލައިޓްތަކަށް ސަމާލުވެ، އެ ލައިޓްތަކުން އިރުޝާދުދޭ ގޮތެއްގެ މަތިން އަމަލު ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އެރޯ ޓްރެފިކް ލައިޓަށް ބަދަލުކުރުމުން ކުރިއަށް ދާން އިހުތިޔާރުކުރާ ލޭނެއް ބޭނުން ކުރަން ޖެހޭނެއެވެ. ކޮންމެ ލޭނަކުން ދަތުރުކުރާ ވެހިކަލްތަކަށް ކުރިއަށް ދެވޭނެ ދިމާ އެ ލައިޓްގައި ތީރުން ދައްކައި ދޭނެއެވެ. އަދި ރާއްޖެ އިން ބޭރުގެ ލައިޓްތަކުގައި ހުންނަ ގޮތަށް ނަންބަރުތަކެއް ވެސް އަރަމުންދާނެއެވެ. މާނައަކީ ފެހި ކުލަ އިން އެ ދިމާލަށް ދިއުމަށް ލިބޭ ވަގުތު ވެސް ފެންނަން ހުންނާނެއެވެ.

ވެހިކަލްތަކަށް ކުރިއަށް ދެވޭނީ ފެހި ކުލައިގެ ތީރު ދިއްލުމުންނެވެ. އޮރެންޖް އަދި ރަތް ކުލައިގެ ތީރު ދިއްލުމުން ކުރިއަށް ނުގޮސް މަޑު ކުރަން ޖެހޭނެއެވެ.

މިސާލަކަށް ސިނަމާލެ ބްރިޖު ބޭނުންކޮށްގެން މާލެ އަރާ އިރު، ބޮޑުތަކުރުފާނު މަގުން އުސްފަސްގަނޑާ ދިމާލަށް ދާއިރު ބޭނުން ކުރަން ޖެހޭނީ ބްރިޖުގެ ވާތް ފަރާތު ލޭނެވެ. ބްރިޖުން ފައިބައިގެން ސެނެހިޔާ ހޮސްޕިޓަލަށްދާ ނަމަ، ބޭނުން ކުރަން ޖެހޭނީ ދެން ބްރިޖުގެ ކަނާތް ފަރާތު ލޭނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެންޕޭން

    އިންތިހާބު ކައިރިވާވަރަކަށް މިކަހަލަ ކަންކަން އަވަސްވާނެ

  2. ކާސިމްބެ

    ބުރިޖު ހުޅުވީސުރެ ހުރިދަތި ތިޔަފިލުވާލެވުނީ 4އަހަރާއި 11މަހުން

    1
    1