ތުރާކުނުގެ ބިން ހިއްކުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުރާކުނަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކެއް އެ ރަށުގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ތުރާކުނުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

"ހާއްސަކޮށް ޒުވާނުންގެ ބައެއް ކަންތައްތައް ނިމިފައި އެބަހުރި. އެގޮތުން މިއަދު ހުޅުވިގެން އެ ދިޔައީ ފުޓްބޯޅަ ދަނޑު. ތުރާކުނުގެ ޒުވާނުން ބޭނުންވަނީ މިއަދު ހުޅުވި ފުޓްބޯޅަދަނޑުގައި ރޭގަނޑު ވެސް ކުޅެވޭނެގޮތް ހެދުން. އެ އެދުމަށް އަމަލީ ސިފަ ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

ތުރާކުނާއި ކައިރީގައި އޮތް ވަންގާރަކީ ޓޫރިޒަމް ތަރައްގީ ކުރުމަށް ލިސްޓްކޮށްފައިވާ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލާއި ރައްޔިތުންގެ އެދުމާއި އެކުގައި އެ ރަށަށް ޓޫރިޒަމްގެ ލިސްޓުން ވަކިކޮށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

" ރަށުގެ ބަނދަރުގެ މައްސަލައަކީ އެއް މައްސަލަ. ކުރިއަށް އޮތް ތަނުގައި ތުރާކުނުގެ ބަނދަރު ބޮޑުކޮށްދީ، ރަށަށް އަރާފައިބާ ފުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

ތުރާކުނުގެ ފުޓްބޯޅަދަނޑު ރައީސް ސޯލިހް ހުޅުވައިދެއްވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ރަށުގެ ބިން ކުޑަވެގެން ބިން ހިއްކުމަށް ވައުދުވީ ގޮތަށް ކޮންޓްރެކްޓްކޮށް އެމްޓީސީސީއާއި އެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެމްޓީސީސީއަކީ އެކަން ވަރަށް ފުރިހަމައަށް ކުރަމުންދާ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ. ބުނާ ގަޑިއަށް ފަށާ ބުނާ ގަނޑިއަށް ނިންމުމުގެ ކެޕޭސިޓީ އެމްޓީސީސީގައި އެބަހުރި ކަމަށެވެ. ޕްލޭންކޮށްފައިވާ ގޮތަށް އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތުރާކުނުގެ ރައްޔިތުން އެމްޑީޕީއިން އުފާވެރި ރާއްޖެއަށް ހޯދުމަށްކުރާ މަސައްކަތުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން މިއަދު ވަނީ ލިބިފައި ކަމަށާއި ރިޔާސީ އިންތިހާބު މުޅި ރާއްޖެއިން ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮނލަނގު

    އަންނަނީ އަންނަނީ😂

  2. ކިނބޫ

    ވެރިކަން ނިމެން ދެމަހޭ އިނގޭތޯ. ހިޔާލީ ދުނޭގަތޯ ތިކަން ނިންމަނީ

  3. Anonymous

    5 އަހަރުވީއިރު ނުކުރި. ދެން އަހަރެމެން ބިން ހިއްކާނީ ޕީޕީއެމް ވެރިކަމުގައި.

    6
    1
  4. ހުސޭނުބޭ

    މިރޭ ތުރާކުނު ރައްޔިތުންނަށް ހުވަފެނުގައި ފެންނާނެ ބިންހިއްކުމުގެ މަޝްރޫޢު ކުރިޔަށްދާތަން.

  5. އަހައްމަދޫ

    ފެށެނީ، އަންނަނީ، ހުޅުވެނީ، ހަމަޖެހެނީ. މިހެން ކިޔާލަ ކިޔާލަ ހުއްޓާ ދައުރު ހަމަވަނީ. ރައްޔަތުން އަނެއްކާވެސް ބޯބުރާންތި ވެގެން މީނަޔަށް ވޯޓުލާނެ. ދެން އަނެއްކާޥެސް އެހެން ކިޔާލަ ކިޔާލަ އަނެއް ދައުރުވެސް

  6. އިބޫ ހޯލިސް

    ތުރާކުނުގެ އާބާދީއަކީ ގާތްގަނޑަކަށް 470 އެވެ. މިހާވަރުގެ ކުޑަ އާބާދީއަކަށް 35 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ގޮތުގައި އަދި ހިންގުމުގެ ހަރަދަށް އަހަރަކަށް 22 މިލިއަން ރުފިޔާ ހަރަދު ކުރުމަށްވުރެ 250 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މިރަށުގެ މީހުން އެހެން ރަށަކަށް ބަދަލު ކުރުމަކީ މާ ދެކޮޅުޖެހޭ ސިޔާސަތެއް ކަމުގައި އަޅުގަނޑު ދެކެން