ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރަން ނިންމަވައިފިއެވެ.

އެޕާޓީގެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން އިލްޔާސް ނިންމާފައިވާއިރު، އޭނާ އަކީ އެޕާޓީގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ގަސްތުކުރާ ކަމަށެވެ. އެހެންކަމުން ޕާޓީގެ މެންބަރުންގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ވަރަށް އަވަހަށް ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ވާހަކަ ނަޝީދު ތަކުރާރުކޮށް ވިދާޅުވި ފަހުން ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގެއް ނެތް ކަމަށެވެ.

އަދި ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން ދާދި ފަހުން އެއްބަސްވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ތަސައްރަފު ނުފުދޭ ޕާޓީތަކުން ކޮން ކެންޑިޑޭޓެއް ނެރޭކަށް. ވެރިކަން ކުރާހިތްވަންޏާ ކޮންމެ މީހަކުވެސް ގިނިކަންޏާ (އެކަނި) ނުކުމެ އިންތިޚާބުގައި ވާދަކޮށްބަލަ.

    12
    2
  2. Anonymous

    ރާއްޖޭގެ ރައީސްކަމަށް މިހާރު އެންމެ ގާބިލު ބޭޅަކީ ތިބޭޅާއެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. ކާމިޔާބުވާނެއެވެ. ތިޓިކެޓް ހޯއްދެވުމަށްފަހު ލާދީނީމީހާ އުޅޭ ކޯލިޝަންގެ ޓިކެޓްވެސް ހޯއްދަވާށެވެ. ގައުމު ހިންގޭނެ ވިސްނުމާއި ބުއްދިއާއި ހިކުމަތްތެރިކަން އެންމެ ބޮޑަށް ހުރީ ތިބޭޅާގެއެވެ. ދެން ތިބީ މަރުމޯލުންނެވެ.

    5
    9
  3. ލަބީބާ

    ސާބަހޭ..ގަންޖާ ކަޓުވާލާތި މިފަހަރުވެސް.

    2
    1
  4. ނުރަބޯ

    އަދި ކިރިޔާ ނަން އަޑުއެހީ މި.

    6
    2