ސަރުކާރުން މަސައްކަތް ކުރަނީ އިސްލާމް ދީނަށް ނަސްރު ދޭ ކޮންމެ ބަޔަކު ދުއްވާލަން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ރާއްޖޭގެ ދީނީ ޖަމިއްޔާ، ޖަމިއްޔަތުއް ސަލަފް ހިމަނާފައި އޮތުމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމިއްޔަތު ސަލަފް އުވާލަން މި ސަރުކާރުން ފެށުނީއްސުރެ ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެއީ އިސްލާމް ދީނަށް ނަސްރު ދޭ ކޮންމެ ބަޔަކު ދުއްވާލަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން ކަމަށެްވެސް ވިދާޅުވިއެވެެ.

އެހެން ނަމަވެސް އެކަން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެކަމަކު އެއީ ހުއްޓުވޭނެ ކަމެއް ނޫން. ހަލާކުވެގެން ދާނީ އެކަން ކުރާ ބައެއް.". ސަލީމް ވިދާޅުވިއެވެ.

ސަލަފްއަކީ މި ސަރުކާރާ ވަރަށް ދެކޮޅު ޖަމިއްޔާ އެކެެވެ. އަދި މި ސަރުކާރާ ކޯލިޝަން ހަދަައިގެން އުޅޭ އަދާލަތު ޕާޓީގެެ މެމްބަރުން ވެސް ސަލަފް ޖަމިއްޔާ ދެކެ އިންތިހާއަށް ރުޅި އާދެއެވެ.

ޔޫތު މިނިސްޓްރީން ވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ ސަލަފް ހިމެނޭހެން 1989 ޖަމިއްޔާ އުވާލަން ލިސްޓު ކޮށްފައެވެ.

އެކަމާއި ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު އެންމެ ފަހުން ޔޫތު މިނިސްޓްރީން ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ފާއިތުވި 2 އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެހެން ކަމުން އެ ޖަމިއްޔާ އުވާލަން މިނިސްޓްރީން ނިންމީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

އޭގެ ފަހުން އަމާޒުވި ފާޑުކިއުން ތަކާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އުވާލާ ލިސްޓުގައި މައްސަލަ އުޅޭ ކަމަށާއި އެ ލިސްޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ސަރުކާރުން އުޅެނީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން ނަމުގައި އިސްލާމިކް ނުވަތަ ޤުރުއާން ހިމެނޭ ކޮންމެ ތަނެއް އުވާލަންވެގެންނެވެ. އެކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެއެވެ. ސަލަފު އުވާލަން ލާދީނީމީހުން މުޑިނަގާތާ ލައްކަ ދުވަސްވެއްޖެއެވެ.

  2. ޜާ

    ސަލީމް ވައްކަން ކުރުމަކީ އިސްލާމްދީނަށް ނަސްރުދިނުންތޯ.ހަނދާންވޭތޯ މަޖްލިސް އިމަރާތް މިހާރުހުރިތަނުގައި ކުރިންހުރި މިނިސްޓްރީގެ ގުދަން.

  3. ޖަނާބު

    އިސްލާމްދީނަށް ނަސްރުދެނީ ބަޖެޓު ފެލާލައިގެންތޯ؟

  4. ޒުރާރު

    އިސްލާމް ދީނޭ ކިޔައިގެން ތިޔަ ވީދެނީ ތިޔަ ސަލީމަކީ އިސްލާމް ދީނަށްޓަކައި ކޮން ކަމެއް ކޮށްދިން މީހެއް