އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ގިޔާސުއްދީން ސްކޫލާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އާރްޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 9،8 ގައި މިހާރު ތާރު އަޅަން ފެށިފައިވާ ކަމަށެވެ.

އެގޮތުން ރަށް ދެބައި ހިނގުން (އޮޑެގައްލާ ކައިރި) އިން ފެށިގެން މާފަތްތަކުރުފާނު މަގު (ސްޓޭޑިއަމްގެ އިރު އުތުރު ކަންމަތި) އާ ހަމައަށް ތާރު އެޅިގެންދާނެ ކަމަށް އާރްޑީސީން ބުންޏެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އަމީނީމަގުގެ ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެތަނުގައި ހުރި ބޮޑެތި ގަސްތައް ނަގައިގެންނެވެ. އަދި އަލަސް ހުޅުވި ބައިގައި މިހާރު ވަނީ ގަސް އިންދަން ފަށާފައެވެ.

އަމީނީމަގުގައި ތާރުއެޅި ބައި އަލަށް ހުޅުވައި އެމަގުގައި ގޯލްޑަން ޝަވާރ އާއި، މޫނިމާ ކަހަލަ ގަސްގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެއެވެ. މި މަގުގައި އިންދާ ހުރިހާ ގަސްތަކަކީވެސް ނާސަރީގައި ހައްދާފައިވާ މަގާ އެންމެ އެކަށޭނެ ރަނގަޅު ގަސްތަކެއް ކަމަށްވެސް އާރްޑީސީން ބުނެއެވެ.

މީގެ ކުރިން އަމީނީ މަގުގައި ތާރު އެޅީ އެމްޓީސީސީންނެވެ. އެފަހަރު އެމްޓީސީސީން ތާރު އަޅާފައި ވަނީ އާރްޑީސީއަށް އެކަން ނުކުރެވިގެންނެވެ. ފަހުން އާރްޑީސީން ވަނީ އެ މަސައްކަތް ފަށައިފައެވެ. އަދި އެކަމަށް ބޭނުންވާ މެޝިނަަރީސްވެސް ވަނީ ގެނެސްފައެވެ.