އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ގިޔާސުއްދީން ސްކޫލާއި ހަމައަށް ތާރު އަޅައިފިއެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރު އަމީނީ މަގުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގައި ތާރު އަޅާ ހުޅުވާލާފައިވާއިރު، އާރްޑީސީން މިއަދު މެންދުރު ބުނީ، އަމީނީ މަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އާރްޑީސީން އަމީނީ މަގުގައި ތާރު އަޅާފައި - ފޮޓޯ: އާރްޑީސީ

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް ކަމަށްވެސް އާރްޑީސީން ބުންޏެވެ.

އަމީނީމަގުގެ ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެތަނުގައި ހުރި ބޮޑެތި ގަސްތައް ނަގައިގެންނެވެ. އަދި އަލަސް ހުޅުވި ބައިގައި މިހާރު ވަނީ ގަސް އިންދަން ފަށާފައެވެ.

އަމީނީމަގުގައި ތާރުއެޅި ބައި އަލަށް ހުޅުވައި އެމަގުގައި ގޯލްޑަން ޝަވާރ އާއި، މޫނިމާ ކަހަލަ ގަސްގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެއެވެ. މި މަގުގައި އިންދާ ހުރިހާ ގަސްތަކަކީވެސް ނާސަރީގައި ހައްދާފައިވާ މަގާ އެންމެ އެކަށޭނެ ރަނގަޅު ގަސްތަކެއް ކަމަށްވެސް އާރްޑީސީން ބުނެއެވެ.

މީގެ ކުރިން އަމީނީ މަގުގައި ތާރު އެޅީ އެމްޓީސީސީންނެވެ. އެފަހަރު އެމްޓީސީސީން ތާރު އަޅާފައި ވަނީ އާރްޑީސީއަށް އެކަން ނުކުރެވިގެންނެވެ. ފަހުން އާރްޑީސީން ވަނީ އެ މަސައްކަތް ފަށައިފައެވެ. އަދި އެކަމަށް ބޭނުންވާ މެޝިނަަރީސްވެސް ވަނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯދި

    ކޮށްމެ ހަފްތާ އަކު ޕްރޮޖެކްޓެއް ނިއްމަނީ ... ސަޅި ދޯ

    • އައްޔަ

      އުނހު! ކޮންމެ ދުވަހަކު ޕްރޮޖެކްޓެއް. ލޮލް