އިލެކްޝަންސް ކޮމިޝަނުން ރިޔާސީ ކެންޑިޑޭޓުން އިއުލާންކުރުމަށް ފަހު، ދައުލަތުގެ އެއްވެސް އިދާރާއަކަށް މުވައްޒަފުން އިތުރަށް ނުނެގުމަށާއި ވަޒީފާއިން ވަކިނުކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިރުޝާދު ދީފި އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގާ ކޮރަޕްޝަންްގެ އަމަލުތައް ކުޑަ ކުރުމުގެ ގޮތުން އިއްޔެ އެ ކޮމިޝަނުން އާންމު ކުރި އިރުޝާދުނާމާގައި ބުނީ ހާއްސަ ހާލަތެއްގައި މެނުވީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނެގުން އަދި ވަކިނުކުރުމަށް ލަފާދޭ ކަމަށެވެ.

މި އިރުޝާދުނާމާގައި ފަސް ދާއިރާއަކުން ކޮރަޕްޝަން ކުޑަކުރުމަށްޓަކައި ފަންނީ ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަގުވާމީ އަސާސްތަކާއި މިންގަނޑުތައް ހިމަނާފައިވެ އެވެ.

އޭގެތެރޭގައި އިންތިހާބާ ގުޅޭ މާލީ ކަންކަން ކެމްޕެއިންކުރުމާއި ދައުލަތުގެ މުވައްޒުން ކެމްޕެއިންގައި ހަރަކާތްތެރިވުން އަދި ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރުން ހުއްޓުވުމަށް ލަފާދީފައި ވެއެވެ.

އޭގެ އިތުރުން އިންތިހާބުގެ ކަންކަމުގައި ދެފުށް ފެނުން ކަށަވަރުކުރުމާއި ރިޝްވަތުދިނުމާއި ވޯޓު ގަތުން ހުއްޓުވުމަށް އޭސީސީގެ އިރުޝާދުނާމާގައި ލަފާދީފައި ވެއެވެ.

އެ ފަސް ދާއިރާގައި ހުރި ގާނޫނީ ކަންކަމާއި ކޮރަޕްޝަން ކުޑަ ކުރުމަށް އެއިން ކޮންމެ ދާއިރާތަކުން ލަފާދީފައިވެ އެވެ.

އޭސީސީން ދިން ބައެއް އެހެން ލަފާތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ނިސްބަތަށް ބަލައި މަގާމުގެ ކުރިއެރުން ނުދިނުމަށާއި ވަޒީފާ ހަމަޖެއްސުން ފަދަ ކަންކަން ނުކުރުމަށް ލަފާދީފައި ވެއެވެ.

އަދި ދައުލަތުގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުކުރުމަށާއި އެއްވެސް މުވައްޒަފަކު ރަސްމީ ގަޑީގައި އަދި ދައުލަތުގެ އިދާރާއެއްގެ ޔުނީފޯމުގައި ހުރެ ކެމްޕެއިންކުރުމާއި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މުއަމަލާތެއް ނުހިންގުމަށް ވެސް އެދިފައި ވެއެވެ.

އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ހުށަހަޅާ މާލީ ރިޕޯޓްތަކާއި ރިޔާސީ އިންތިހާބަށް ފަންޑް ކުރާ ފަރާތްތަކުގެ މައުލޫމާތު ޕާޓީތަކުން އާންމުކުރުމަށް ވެސް އޭސީސީން އެދިފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޯކޭ

    އަދިކިރިޔާ؟

  2. ޑައެލޯގް

    ވަރަށް އިންސާފުވެރި ތަނެއްގޮތަށް ދެއްކުމަށް އޭސީސީން ތިޔަބަޔާންނެރުނީއެވެ. އިބޫވަނީ ތިބަޔާނަށްވުރެ ކުރިން މީހުންނަގާ އިތުރަށްވެސްނަގާފައެވެ.

  3. އަބްދޫ

    ގާނޫނުއަސާސީއާ ހިލަށް 115 ވަނަ މާއްދާއާއި 97 ވަނަ މާެއްދާއާއި ހިލާފަށް ދަވްލަތުން ވަޒީފާ ހަދާ މަގާމަށް މީހުން ލައްވަމުންދަނީ އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ ނާޖާއިޒް މަންފާ ހޯދުން ދޭހަވާގޮތަށް ކަމަުގަ ވާއިރު މީހުން ނަގަން އެންޓިކަރެޕްސަނުން ތާއީދުކުރަނީބާ؟