ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަަށްގެންގޮސްފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް އާއި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)އާއި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި، ކަމާގުޅޭ ޓެކްނިކަލް އެހެންމެހާ ބޭފުޅުންނާއި އެކުގައެވެ.

ނަރުހުން ވަޒީފާގައި ތިބެގެން އިތުރު ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދުމާއި ގުޅޭ ގޮތުން މިނިސްޓްރީން އިން މަޝްވާރާކޮށްފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ނަރުހުންގެ އާ އޮނިގަނޑު ތަންފީޒް ކުރުމަށްޓަކައެވެ.

އަލަށް އަމަލުކުރަންފެށި އޮނިގަނޑުގައި 4 ކަމެއް ފާހަގަކޮށްފައިވާއިރު، އެ އޮނިގަނޑުގައިވެސް ނަރުހުން ކިޔެވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން އޮނިގަނޑުގައިވާ ގޮތުން މުވައްޒަފުގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް (ޕާރފޯމްންސް) ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ލިބޭ ގޮތަށާއި، ނަރސިންގ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރުމުން އެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ނަރުހުންގެ ދާއިރާގެ ހާއްސަ (ސްޕެޝަލައިޒްޑް) ނަރުހުން ޚިދުމަތުގެ ތެރެއަށް ތައާރަފްކުރާނެ ގޮތަށާއި އާއްމު އަދި ޚާއްސަ (ޖެނެރަލް އަދި ސްޕެޝަލިޓީ) ދާއިރާތަކުން މަގާމުގެ ކުރިއެރުން ދިނުމަށް ވަނީ ބަދަލުކޮށްފައެވެ.

މި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކޮށްފައިވަނީ ސިވިލް ސާރވިސް ކޮމިޝަނާއި، އައިޖީއެމްއެޗާއި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި ކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި އަދި ކަމާ ގުޅުންހުރި އެހެނިގެން އިދާރާތަކާއި މަޝްވަރާކޮށް ލިބިފައިވާ ލަފަޔާއި އިރުޝާދަށް ރިޔާޔަތްކޮށްގެންނެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވަނީ، މާލެއާއި އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އެއްހަމައަކަށް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަޢުލީމާއި ތަމްރީންގެ ގޮތުން ގާބިލް ބަޔަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންމެ ފަހުގެ ޒާމާނީ ވަސީލަތްތަކަށް އަހުލަވެރި ބަޔަކަށް ނަރުހުން ހެދުމަށްޓަކައި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.