(އދ. މަހިބަދޫ) މިރަށާއި ކައިރީގައި އޮންނަ މާފަރު ފަޅު، މި ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނައި ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަހިބަދޫއަށް ވަޑައިގެން މިރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ބިން ނެތިގެން ހައްލު ނުވެ އޮތް މިރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް އޮތީ ދެ ގޮތެއް ކަމަށެވެ.

ފުރަތަމަ ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި މި ވަގުތު ބާވެ، ވީރާނާ ވެފައިވާ އިމާރާތްތައް ތަޅާލައި، އެ ތަނުގައި ހައުސިން ޕްރޮޖެކްޓެއް ހިންގުމެވެ. އެފަދަ ބައެއް ތަންތަން ހުރި ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މިރަށުގައި މީހުން އެދޭ ނަމަ އެކަން ކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އޭނާގެ ސަރުކާރެއްގައި ކޮށް، 100 ހައުސިން ޔުނިޓުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.

ޑރ. މުއިއްޒު މަހިބަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް- މުހައްމަދު އަލީފް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މުއިއްޒު ދެއްވި ދެ ވަނަ ހައްލަކީ މަހިބަދޫ އާއި ވިދިގެން އޮންނަ މާފަރުފަޅު ހިއްކައިގެން އެ ތަނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އެކަމަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ފަޅު، މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނައުން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ދުރުރާސްތާ ޕްލޭނެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރެވޭނެ ކަމަށެވެ.

"މުޅި އަތޮޅަށް ބޭސްކޮށް، އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީ، އިގްތިސޯދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީ ކުރެވޭނެ،". އެތަން ތަރައްގީ ކޮށްދެއްވާ މަހިބަދޫގައި ޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މި ރަށުގެ މަގު ހެދުމުގެ މަޝްރޫއުގައި ނުހިމެނޭ މަގުތައް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޯގޯ

    މަހިބަދޫއަކީ ޖާގަ ދަތިވެފަ އޮތް ރަށެއް. މާފަރު ފަޅު މަހިބަދޫއަށް ދޭން އިބޫ ވައުދުވެފަ އެކަން ނުކޮއްދިން. މިފަހަރު ބޭނުމީ މުއިއްޒު ހޮވައިގެން މިކަން ނިންމަން