މި ސަރުކާރުން އިންޑިއާ ކުންފުނިތަކާއި ހަވާލުކޮށްގެން ރާއްޖޭގައި ހިންގަމުންދާ މަޝްރޫތަކަކީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށްވާނަމަ ޖީއެމްއާރް ބޭރުކޮށްލި ގޮތަށް އެ މަޝްރޫތައް ބާތިލް ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް އިދިކޮޅުގެ ސަރުކާރެއްގައި ފެންނާނީ ހަމަހަމަކަމާއެކު ހިދުމަތްދޭނެތަން ކަމަށެވެ. އެ ރަށަކަށް ބޭނުންވާ ކަންތައް ހަމަހަމަކަމާއެކު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެކަމަށް ވުރެ ގައުމުގެ މިނިވަންކަމާއި މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

"އުތުރު ތިލަފަޅުގެ އެގްރީމެންޓަށް ބެލިޔަސް ހަނިމާދޫގައި ހިންގާ މަޝްރޫއަށް ބެލިޔަސް. ހަނިމާދޫގައި އެއާޕޯޓް އަޅުގަނޑުމެން އަޅާނަން. އެއަށް ފުރެ ފުރިހަމައަށް އެކަން ބާރަސް ގެންގޮސް އަޅާނަން. އެކަމު އެތަނުގައ ހިގާ ކަންކަމަށް ބަލާއިރު އަދި އައްޑޫގައި ހުރި ސެންޓަރަށް ބެލިޔަސް މި ފެންނަނީ ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތައް. މި ކަންކަން ހަމަ މަގަށް އެޅުވޭނީ ޔާމީންގެ ފިކުރުގައި ގައުމު އިސްކޮށްގެން މަސައްކަތްކުރާނެ ބަޔަކަށް އެކަނި." މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މަހިބަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް- މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ފޮރިން ޕޮލިސީއަކީ ދިވެހި ރައްޔިތުންނަށް ރަނގަޅުގޮތް އެހެން ގައުމަކުން ގަބޫލުކުރަނަމަ އެއީ ގާތް ގައުމެއް ގޮތުގައި ދެކޭ ގޮތަށް ކަމަށެވެ. ރާއްޖޭގެ މިނިވަން ކަމަކީ އެންމެ އިސްކަން ދެއްވާނެ ކަންތައްތައް ކަމަށް ވިދާޅުވިއެވެ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި ތިބުމަށް އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން މި ގައުމުގައި ތިބުމުން ރާއްޖޭގެ މިނިވަން ކަމަށް މިހާރު އޮތީ ވަރަށް ބޮޑަށް ބުރޫ އަރާފައި ކަމަށް ވިދާޅުވިއެވެ. އެ ސިފައިން ތިބީ ކުލަ ހެދުމުގަތޯ، ބަޑިހިފައިގެންތޯ އެއީ ޕޮއިންޓެއް ނޫން ކަމަށާއި ސިފައިން ތިބެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަޑި ނޭނގޭ އެއްބަސްވުމެއްވެސް އޮވެގެން ނުވާނެ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. މަޝްރޫތަކާއި ގުޅޭގޮތުން މިޑިއާގެ ފަރާތުން މައުލޫމާތު ހޯދަން ލުމުން އެކަން ހިއްސާ ކުރަން ސަރުކާރަށް ނުކެރިގެން އުޅުމަކީ ކަންބޮޑުވުން ހުރި ކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ހިއްސާ ކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ކަމަށް ސަރުކާރުން ބުނާއިރު،އެ ހިސާބުގައި ހުރި މަޝްރޫތަކެއް ރާއްޖޭގައި ހުރި ކަމަށްވާނަ އެއީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު މަހިބަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް- މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އެއިން ކޮންމެ އެގްރީމެންޓެއް ބަލާނީ ގައުމު އިސްކޮށްގެން ކަމަށެވެ. ގައުމަށް އޭނގެން އެންމެ ރަނގަޅު ގޮތް އިހްތިޔާރު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަޝްރޫތައް މިހާރަށްވުރެ ބާރަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ބްރިޖް މަޝްރޫއު. އެ މަޝްރޫއުގެ ހަގީގަތެއް ނޭންގެ. އޭގައި ނުބައިތަކެއް ހުރީމަ ދެއްތޯ ފަސް އަހަރުވާއިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ. އެކަމަކު ގައިމުވެސް އެއީ ވަރަށް މުހިންމު މަޝްރޫއެއް. މާލެ ސަރަހަށްދާއި ރާއްޖޭގެ ތަރައްގީއަށް ބަލާއިރު ޔާމީން ވެސް އިއުލާނުކުރެއްވި މަޝްރޫއެއް. ޔާމީންގެ ވެރިކަމުގެ 2017 ގައި އެކަމަށް ބޭނުންވާ ހުރިހާ ސްޑައީއެއް ހަދާ ހުރިހާ ކަމެއް ނިންމި މަޝްރޫއެއް. ފަންޑިން ކަންތަކާ ހުރިހާ ކަމެއް. ޗައިނާ ސަރުކާރުން އެހީ ދިނުމަށް ނިންމާފައި އޮތީ. އެކަމު މިހާރު މި ވާގޮތަކީ އެކަމެއް ނުހިނގާ. އަޑިއެއް ނޭންގެ. މިހެން ހުރި މަޝްރޫތައް ބަލައި އެކަމުގައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް އިހްތިޔާރު ކުރާނީ" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މަހިބަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް- މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫތަކުގެ އަޑި ބައްލަވާއިރު އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ މަޝްރޫއެއް ކަމަށްވާނަ ޖީއެމްއާރް ބޭރުކުރި ގޮތަށް މަޝްރޫތައް ބާތިލު ކުރައްވާނެ ކަމަށެވެ. ރާއްޖެއާ އެއްބަސްވާ ކޮންމެ ގައުމަކާއި އޮންނާނީ ގާތް ގުޅުން ކަމަށާއި ރަހުމަތްތެރިކަމާއި އަވަށްޓެރިކަން ވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު 4 ޕްރެސިޑެންޓް

    މިނިވަންކަމަށް ހުރަސް އެޅޭ އެގްރިމަންޓުތަށް ބައިވަރު. އިންޑިޔާގެ ކުންފުނިތަކަށް މާ އަގު ބޮޑުކޮށް ޕްރޮޖެކްޓުތައް ދީފަ، އޭގެންވެސް އިބޫ ކަޓު ނަގާފަ އެހެރީ. މިބުނި އިންޑިޔާ ކުންފުނިތަކުން މަސައްކަތް ނުފަށާ އެ ތިބަނީ. ދެން ޖެހޭނީ އަންނަ ސަރުކާރަކުން ބޮޑުތަނުން ބަދަލުދޭން.
    ޕްރޮޖެކްޓު ރަނގަޅަށް ިހންގަން އިނގެނީ މުއިއްޒުއަށް. މަގޭ ވޯޓު އޭނައަށް

  2. Anonymous

    އެގްރީމެންޓް ތައްކިޔާފަ ބާތިލް ކުރުމުގެ ކުރިން އެމަސްރޫއު މުއްދަތައް ނުނިމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލް ހޯދުމްށް އެގްރިމެންޓް ގަ އޮތް އާބިޓްރޭސަނަށް ކުރިން ހުށަހެޅުން މުހުންމު. އިންޑިޔާ ކުންފުންޏަކަށް ހަވާލުކޮށްގެން ބްރިޖް ނޭޅުމި މުއްދަތުހަމަވެ ދެވަނަ މުއަދަތެއްދި ހަމަވެ ބްރިޖް ނުނިމުމުގެ ސބަބުން ލިބުނުގެއްލުމުގެ ބަދަލް ހޯދަން އިންޑިޔާގެ އާބިޓްރޭސަނަށް ހުށަހަޅަން ވާނީ ބްރިޖްއެއްބަސްވުން ބާތިލް ނުކޮށް. ބަދަލް ހޯދަންޖެހޭ ކަންކަމުގެތެރޭ މާލޭ ހާބަރު މަސްރޫއު ކުރިޔަށް ނުގެންދެވުމުން ލިބުނުގެއްލުން . ރައޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ރޭވި ބްރިޖް ނުނިމުމުގެ ސަބަބުންލިބުނު ގެއްލުން ތިލަފުށިން ގުދަންތަކަށާއި މުދާރައކާކުރތާ ވެއާހައުސް މަސްރޫއު ކުރިޔަށް ނުގެންދެވި ހުއްޓިފާ އޮންނަން ޖެހުމުން ދަވްލަތަށް ލިބުނު ގެއްލުމުގެ .ބްރިޖް ނުނިމުމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރަންޖެހުމުން ރައޔިތުންނަށް ލިބުނު މަލީ ނަފްސާނީ ގެއްލުން. .މި ގެއްލުން ބްރިޖްގެ އަގުގެ އެތައ ގުނައެއްމަތި މިކަނަތަކާ ދައުވަކުރުމުން ބްރިޖް ނޭޅިގެން އުޅޭ މީހުންއަމިއްލަޔަށް ތަންދޫކޮށް ފިލާފާ، ރާއްޖޭގަ އިންޑިޔާ މީހުނަށް ދީގެންހިނަގާ ހުރިހާ މަސްރޫ އުދިރާސޤކޮށް އެގްރީމެންޓް ބާތިލް ކުރުމުގެ ކުރިނަ ބަދަލް ހޯދުމުގެ ދައުވާ އާބިޓްރޭސަނަށް ހުށަހަޅަން ހަނދުމަކޮށދެން. މިކަނަނުކޮށް ބާތިލްނުކޮށް ޖީއެމްއާރަށް ދޭންޖެހުނު ބަދަލުގެ މަތިން ހަނދުމަ ބަހައްޓަވާ.

  3. ގައުމީ ލޯބި

    ގިނަ ލޯނު ނަގާފައިވަނީ އިންޑިޔާއިން، އެމީހުން ބޭރުކޮށް މިނިވަން ކުރާނަމޭ، އެމީހުން ނުރުހޭ ބަޔަކަށް ލޯނު ރީސްޓްރަކްޗަ ވާނެ ގޮތެއް އެބައޮތްތޯ؟ ހަމަޔަގީނުންވެސް ނުވާނެ، އެއީ ޖީއެމްއާރު ބޭރުކުރީމަ، އިންޑިޔާ އެމްބަސީކުރިމަތީގައި ވިސާކިއުޖެއްސުވިމީހުން، އޭރުގެ 50މލ ލޯނު އެއްފަހަރާދެއްކުމަށް އެދުނުމީހުން..

    ދެން ކޮން ބޯގޯސް ވާހަކަ ތަކެއް މިދައްކަނީ ޕޯޑިޔަމް ތަކުގައި، މީހުން އޮޅުވާލައިގެން ވެރިކަމަށް އައުން ދޯ ބެނުމަކީ؟

  4. ޝީން

    މީނަ އެބުނީ 'ނަމަ' އޭ. މިއީ ވަރައް ނުރައްކާތެރި ބަހެއް. ވެރިކަން ލިބިއްޖެއިޔާ މީނާއަކަށް އެ އެގުރިމަންޓުތަކަކީ ތަރައްގީއަށް ހުރަސް އެޅޭއެއްޗެއްކަމުގައި ނުބެލެވޭކަމަށް ނިންމުން ވަރައް ގާތެވެ. މިހާރުވެސް އެ ބުނި ބަހުން މިއީ ފެބަދޭތެރޭގަ ހުރި މީހެއްކަން ހާމަވެއްޖެއެވެ. މިއީ ރާއްޖޭގެ އަނެއް ފަސް އަހަރުގެ ހަލާކުކަމުގައި ވުން ވަރަށްގާތެވެ.

  5. ފަޒީ

    އެމްޑީޕީ އަދި ޕީޕީއެމް ސަރުކާރުތަކުގެ އަޖުމަ ރައްޔިތުންވަނީ ބަލާފައެވެ. މި ދެޕާޓީއަކީ ވެރިކަން ދިނީމަ ޖަރީމާގެ މައްޗަށް ޖަރީމާ ހިންގާ ކޮންމެވެސް ގޮތަކުން ގައުމު ހަލަބޮލިކޮއް ނުވަތަ ގައުމުގެ ރައްޔިތުން ބިކަކޮއްލާ ބަޔެކެވެ. ވައްކަން ކުރާނެ ނޫނީ ކޮންމެވެސް ތަނެއް ބޭރު ބަޔަކަށް ވިއްކާލާނެ ނުވަތަ މިނިސްޓަރުންނޭ ކިޔާފަ ކަރަޕްޓުބަޔަކު ގެނެސްފާނެ ނުވަތަ ތާކުންތާކު ނުޖެހޭ ގާނޫނުތަކެއް ހަދާފާނެއެވެ. ވީމާ އެމްޑީޕީއަށް ނުވަތަ ޕީޕީއެމްއަށް ދެން އެއްވެސް ފުރުސަތެއް ރައްޔިތުން ދޭންޖެހޭ ސަބަބެއް ނެތެވެ. ގެއްލުންލިބެން ބޭނުންނޫނިއްޔާ މި ދެ ޖަރީމާ ޕާޓީގެ ނުރައްކަލުން ކުރިޔަށް އޮތް ފަސް އަހަރު ސަލާމަތްކޮއް އާ ފުށުމަކުން ދިވެހި ރިޔާސީ ހަޔާތަ އާރާސްތު ކުރަންޖެހޭ.