(އއ. ތޮއްޑޫ) ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ މި ރަށުގެ ދަނޑުވެރިންނަށް ހާއްސަކޮށް "ދަނޑުވެރިންގެ ސަބްސިޑީ" ޤާއިމްކޮށްދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރަށަށް ވަޑައިގެން ޑރ.މުޢިއްޒު ވަނީ އެ ރަށުގައި "ވައިމަތީ ޖަގަހަ" އެއް ހުޅުވާ ދެއްވާފައެވެ. މި ޖަގަހަ އަކީ މިރަށުގައި ހުންނަ އިދިކޮޅު ކޯލިޝަންގެ ދެ ވަނަ ޖަގަހައަށް ވެސް ވާނެ އެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި ވޭތުވެގެން ދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން ދަނޑުވެރިންނަށް ބޮޑެތި ވަޢުދުތައް ވެފައި އެ ވައުދުތައް ފުއްދާ ދެއްވާފައި ނުވާކަމަށް ވިދާޅުވެ، ޑރ. މުއިއްޒު ވަނީ މި ސަރުކާރަށް ފާޑު ކިޔުންތަކެއް އަމާޒުކުރައްވާފައެވެ. މުއިއްޒުގެ ވެރިކަމެއްގައި ވަކިން އެކަމަށް ޚާއްސަ މިނިސްޓްރީ ކަނޑަ އަޅުއްވާ ރާއްޖޭގެ ފުޑް ސެކިޔުރިޓީ ހިފެހެއްޓޭ ވަރަށް ދަނޑުވެރިކަން ފުޅާކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ތޮއްޑޫއަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަދި އެކަމަކީ އިދިކޮޅުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމުން އެކަން ކުރައްވާ އިރު މިރަށަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަމަށް މުއިއްޒުު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި އަބަދުވެސް ހިމެނޭ ދަނޑުވެރިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދިނުން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރެވޭނެ އެންމެހާ ގޮތްތަކެއް ފަހިކޮށްދެއްވާނަން. އަޅުގަނޑުމެން އެކަމަށް ޚާއްސަ ވަކި މިނިސްޓްރީ އެއް އުފައްދާ، ރާއްޖޭގެ ފުޑް ސެކިޔުރިޓީ ހިފެހެއްޓޭނެ ވަަރަށް ދަނޑުވެރިކަން ފުޅާ ކޮށްދެއްވާނަން.". މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ތޮއްޑޫއަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ދަނޑުވެރިކަމުގެ ސަބަބުން ތޮއްޑުގައި ވިޔަފާރި ފުޅާ ވެގެންދާނެ ކަމެއް ކަމުން މި ރަށުގައި ޑޮލަރު އޭޓީއެމެއް ހިމެނޭ ގޮތައް ބޭންކުގެ ބްރާންޗެއް އަޅުއްވާދެއްވާނެކަމަށް ވެސް މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ.

އޭގެއިތުރުންވެސް ޑރ.މުޢިއްޒު ވަނީ ތޮއްޑޫގެ މަގުތައް ހައްދަވާ ދެއްވާ މަގުތަކުގައި ތާރު އަޅުއްވާ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ތޮއްޑޫގެ ސްކޫލަކީ ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލެއް ކަމުން އެންމެންނަށް ވެސް ފަސޭހަ ވާނެ ގޮތަކަށް ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ހައްދަވާ ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އަޅާ ސްކޫލުގެ ފެންވަރު ރަނގަޅު ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.