ތިން މަހުން ތިން މަހުން ރިސޯޓް މުވައްޒަފުންނަށް ކުޑަ ޗުއްޓީއެއް ލިބޭގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިޒަށް ސުވާލުކުރުމުގެ ފުރުސަތާއެކު މިރޭ "ސަންގު ޓީވީއިން" ގެނެސްދިން ޕްރޮގްރާމެއްގައި ރިސޯޓް މަސައްކަތްތެރިއަކު ވަނީ ނައިޓަށް ރަށަށް ދެވޭނެ ގޮތަށް އިންތިޒާމުކޮށްދެއްވާނަންތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ނައިޓަށް ރަށަށް ދިއުމަކީ އިދިކޮޅުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ މެނިފެސްޓޯގައި ވަނީ ރިސޯޓް މުވައްޒަފުންގެ އޮފް ދުވަސްތައް އެއްކޮށްލައިގެން ކޮންމެ ތިން މަހަކުން ތިން މަހަކުން ޗުއްޓީއަށް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި މުއިއްޒު - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އޭރުން ލިބޭނެ 12 ދުވަހުގެ ޗުއްޓީއެއް. މިނިމަމް އަށް ދުވަސް ވަންދެން އެއްކޮށްލައިގެން. އޭރުން ކުޑަ ވަރެއްގެ ޗުއްޓީއަކަށް އެ ހެދުނީ. އެ ޗުއްޓީގައި އާއިލާ ކައިރިއަށް ދެވޭނެ. އޭރުން ވަރަށް ބޭނުންތެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އާއިލާއާއިއެކު އެ މީހުންނަށް. އެގޮތަށް ބަދަލުތަކެއް ގެންނާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުން ކޮންމެ ތިން މަހުން ތިން މަހުން ރިސޯޓް މުވައްޒަފުންނަށް ފުދޭ ވަރެއްގެ ރަނގަޅު ޗުއްޓީއެއް އާއިލާއެކު ވަގުތު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ޗުއްޓީއަކީ އަހަރީ ޗުއްޓީގެ އިތުރުން ލިބިގެންދާނެ ބްރޭކެއް ކަމަށް ވިދާޅުވިއެވެ.

Resort
ރިސޯޓެއްގެ މުވައްޒަފުން ފަތުރުވެރިންނަށް ހަނާއަޅަނީ
ފޮޓޯ: ލިލީ ބީޗް ރިސޯޓް އެފްބީ

އެމްޑީޕީގެ މި ސަރުކާރުން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ރަށަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވައުދުވިއެވެ. ރޭގަނޑު އެ މުވައްޒަފުން ނިދާނީ ގޭގައި އަނބިދަރިންނާއިއެކު ކަމަށް ވައުދުވިއެވެ. ނަމަވެސް މި ސަރުކާރަށް ފަސް އަހަރުވެގެންދާއިރު ވެސް އެ ވައުދު ފުށްދިފައެއްނުވެއެވެ. އެހެންކަމުން އެއީ ރިސޯޓް މުވައްޒަފުންގެ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީމް

    ހޮވުނީމަ ވައުދާ ހުވާ ކުރާނެޔޭ އެހަދާން ނެތޭނެޔޭ.. މިލަވަ އަހަރެމެން އަޑުއަހާލަން ޖެހޭނީ...