އޭނާއާއި ގުޅޭ ހަގީގަތާ ހިލާފު ވާހަކަދެއްކުމަކީ ވަރަށް ދަށް ލެވަލްގެ އަމަލެއް ކަމަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަދާވެރިންނަށް ރައްދުދެއްވައިފިއެވެ.

މިރޭ "ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅު ލީޑަރު ޔާމީން މިނިވަން ކުރުމަކީ އުފަލާއިއެކު އެންމެ ފުރަތަމަ ކުރާނެ އެއްކަންތައް ކަމަށެވެ. ޖަލުގައި ހުންނަ މީހަކު ގެއަށް ބަދަލު ކުރުމަކީ ވެރިޔަކަށް ހުންނަ މީހާއަށް ލިބޭ ބާރެއް ކަމަށާއި އެއީ އެންމެ ފުރަތަމަ ކަމަށް ކުރައްވާނެ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު އަތޮޅު ތެރޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"ރައީސް އޮފީހުން ކޯޓުތަކަށް އަތް ބޭނުމަށް ހުށްޓޭނެ އަޅުގަނޑަށް ވެރިކަން ލިބޭ ދުވަހު. ރައީސް އޮފީހުން ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް ނުހަށްގު ހުކުމެއް ކޮށްފައި އެ ހުރީ. އެހެންވީމަ އެ ސިޔާސީ ނުފޫޒު، އެ ބިރުވެރިން، އެ ޕްރެޝަރު ނިމުމަކަށް އަންނަ ދުވަހަކީ އެމަނިކުފާނަށް އެ ހައްގު ލިބި މިނިވާނެ ދުވަސް. އެއީ ވަރަށް ސާފު މައްސަލައެއް. ޔާމީނަށް ކޮށްފައި އޮތީ އެމަނިކުފާނާ ބެހޭ ކަމަކަށް ވެސް ނޫން. ޔާމީންގެ ކޭސް ހިނގީ އަޅުގަނޑުމެން އެންމެންގެ ލޮލުގެ ކުރިމަތީގައި. ލައިވް ކޮށް ހުރިހާ އެއްޗެއް ދެއްކީ. ނުވެސް ގުޅޭ ހުކުމެއް ކޮށްފައިވަނީ. ތާކުންތާކުނުޖެހޭ މައްސަލައެއްގައި. އެހެން އޮތް ކަމެއް އެއީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޔާމީންގެ މައްސަލައަށް ވަރުގަދައަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާ ކަމަށެވެ. އިދާރަކުރެއްވިޔާ ރައްޔިތުންގެ އިތުބާރާއެކު ރައީސް އޮފީހާ ހަވާލާ ދުވަހަކީ ސިޔާސީ ނުފޫޒު ޖުޑިޝަރީގެ މައްޗަށް ހުއްޓޭ ދުވަސް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ދުވަހަކުން ހަގީގީ މާނައިގައި ޖުޑިޝަރީއެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލްކުރާ ހަމައެއް ނޫން އަޅުގަނޑާ ދިމާލަށް ހަގީގަތާ ހިލާފަށް ވާހަކައެއް ބޭފުޅަކު ވިދާޅުވީމަ އެ ބޭފުޅަކު އެކަމަށް ޖަވާބުދާރީ ވަންޖެހޭނީ. ހަގީގަތާ ހިލާފު ވާހަކައެއް ދެއްކީމަ އެއީ ވަރަށް ދަށް ލެވަލްއަކަށް ދެވެނީ. މީހަކާ ދޭތެރޭ ދައްކަން ވާނީ ތެދު ވާހަކައެއް. އިންސާނެއް ވިއްޔާ އެ އިންސާނެއްގެ ކަރާމަތް އޮންނަން ޖެހޭނެ. އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ވާހަކަދައްކާ ބޭފުޅުންގެ ލެވަލްއަށް އަޅުގަނޑުދާން ޖެހޭނެ ކަމަކަށް. އަޅުގަނޑެއް ދުވަހަކުވެސް އެ ލެވަލްއަކަށް ނުދާނަން. ކުރިއަށް އޮތްތާގައިވެސް ނުދާނަން.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް އަމިއްލަ ނަފްސު އެނގިލައްވާ ކަމަށެވެ. އަދި ނަފްސަށް އިތުބާރު އޮންނަ ކަމަށެވެ. ކުރީ ކޮންކަމެއްކަން ކުރަނީ ކޮންކަމެއްކަން ނުކުރަނީ ކޮންކަމެއްކަން އެނގިލައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަނެއްކާ އޭނާގެ ޓްރެކް ރެކޯޑް އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާއާ ދޭތެރޭގަ މީހަކު ވާހަކައެއް ދައްކާނަމަ އެކަން ސާބިތު ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެތައް އަހަރެއްގެ މާޒީއެއް އެބައޮތް ކަމަށާއި ކަންކަން ދަންނަ ވަރަށް ގިނަ މީހުން އެބަތިބި ކަމަށް މުއިިއްޒު ވިދާޅުވިއެވެ. އެހެންކަމުން ވާދަވެރިން އެއްޗެކޭ ކިޔާތީ ހާސްވެގެން ކަންބޮޑުވެގެން ނޫޅުއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.