ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ދަތުރުގައި ފެނިގެންދިޔައީ ރައްޔިތުން އެއްމީދު ގެއްލި މާޔޫސްވެފައި ތިބި މަންޒަރު ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ވަގުތު ޓީވީގެ "ނިންމާނީ ދިވެހިން" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ކެމްޕެއިނަށް ރާއްޖޭގެ ރަށްތަކަށް ދިޔުމުން ފެނިގެން ދިޔައީ މި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫޢުތައް ފަށާފައި ނުނިމި ހުއްޓިފައިވާ މަންޒަރު ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްޓަކައި މަގުތައް ކޮނެފައި އެހުރިގޮތަށް ވަޅުގަނޑުތައް ބަހައްތާފައި ހުރި ކަމަށާއި ސްކޫލްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށްފަހު ކުރިޔަށް ނުގޮސް މަސައްކަތް ހުއްޓިފައިވާ ތަން ފެނުނު ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ވައުދުވެފައި އެވައުދުތައް އެއްގޮތަކަށްވެސް ނުފުއްދާހުރިކަން ހާމަވެގެންދިޔަ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދުތަކާއި ޔަޤީންކަން އެއްގޮތަކަށްވެސް ނުފުއްދާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު "ވަގުތު ޓީޥީ"ގެ ނިންމާނީ ދިވެހިން ޕްރޮގްރާމްގައި - ވަގުތު އިމޭޖްސް

މިސަރުކާރާއި އަޅާ ބަލާއިރުު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތްތައް ހިނގާނުހިނގާގޮތް ވަރަށް ކައިރިން ރައީސް ޔާމީން ބައްލަވާ ކަންކަމަށް މަގުފަހިކޮށްދީ އަވަސްކޮށްދެއްވާން ބާރު އަޅުއްވާނެ ކަމަށާއި ހަމައެކަނި ކެބިނެޓާއި ހަވާލުކޮށްގެން މިކަންކުރައްވާށޭ އެމަނިކުފާނު ވިދާޅުވެފައި ނުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަން މާލެ ސަރަހައްދުގެ މީހުންނަށް ފޯރުކޮށްދެއްވުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ މާސްޓާރ ޕްލޭން މިސަރުކާރުން އެކޮޅުކޮޅުން ޖަހާފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ހުޅުމާލެއިން ޖާގަ އާއި ފުރުސަތު ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާލުވިއެވެ.

"މިސަރުކާރުން މާސްޓަރ ޕްލޭންގެ ބޭނުން ނުހިފި. ރައީސް ޔާމީންގެ ވެރިކަމުގައި ހެދި މާސްޓަރ ޕްލޭން ހުޅުމާލޭ ފޭސް 2 ގައި އަދި ފޭސް 1 ގައިވެސް ޕްލޭން އެކޮޅުކޮޅުން ޖަހައިފި ހަޤީގަތުގައި." މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމަށްފަހު ވަރަށް ބާރު ސްޕީޑެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތުރުކީ، ސައުދި އަރަބިއްޔާ ފަދަ މުސްލިމް ޤައުމުތަކާއެކު ގުޅުން ބާއްވާނެ ކަމަށާއި އޭގެން ދިވެހިންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި ހަމައެއާއެކު ޗައިނާއަކީވެސް ރާއްޖެއަށް ވަރަށް ގިނަ ތަރައްޤީ ގެންނަން މަސައްކަތްކޮށްފައިވާ ޤައުމަކަށްވާތީ ޗައިނާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗައިނާގެ ސަބަބުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިގެން ދިޔަތަން، މިތަނުގެ މިނިވަން ކަމަކަށް އަރައެއް ނުގަނޭ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަމަކަށް ބަހެއް ނުބުނޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުވީ އޭނައަކީ ބަހާއި އަމަލާއި ދިމާވާ މީހެއް ކަމަށާއި ރައްޔިތުންނަށް ތެދުވެރި އަމާންތްތެރި މީހެއް ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް އަންނަ ހިނިހިރު ދުވަހު ޤައުމުގެ ތަރައްޤީއަށް ވޯޓުއަޅައިދިނުމަށް މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަކުނި

    މާޔޫސްވާ ސަބަބުތައް ބައިވަރު:
    ދަރަނި 100 ބިލިއަނަށް އަރައިފ،
    އެކި ނަންނަމުގަ ނަގާ ޓެކްސްތަށް އިތުރުވެއްޖެ،
    އިންޑިޔާ މި ގައުމު ކޮންޓްރޯލް ކުރަން ފަށައިފި،
    ލާދީނީ މީހުން އިތުރުވެއްޖެ،
    ޑްރަގް މައްސަލަ ބޮޑުވެ މާލޭގަ ޒުވާނުންގެ ބޯ ކަނޑާލާ ހިސާބައް ގޮއްސި،
    ނިކަމެތިން ހާލުގަ ތިބޭއިރު މަތީ ބޭފުޅުންނަށް ލިބޭ އިނާޔަތްތަށްވީ އިރުތު،
    އިންޑިޔާ ސިފައިގެ ބިރުވެރިކަން،
    އިންޑިޔާގެ ނުފޫޒުގަ ރާއްޖޭގެ ކަނޑާއި ފަޅުތައް ވިއްކުން،
    އާންމުންނަށް ވަޒީފާ ދަތި އިރު ގާތް މީހުނަށް ރިކޯޑު ސިޔާސީ މަގާމު.

    މިކަހަލަ ލައްކަ ގިނަ މައްސަލަ އެބަހުރި.

  2. އުދާސް

    ރައްޔިތުން، ހާއްސަކޮށް މާމަމެން ކާފަމެން އެތިބީ އަތްފޯރާ ފަށުއަގެއްގައި ކާލާނެ މަސްކޮޅެއް، ރިހާކުރުމކޮޅެއް ނެތިގެން. އެކަން ކޮއްދޭން ވައުދުވެ ބަލަ. އރނއމެން މި ބުނަނީ މަސް ވެރިންނަށް ހަމަ އަގޭ. އެ ކަ.މަކު ނުދޭ

  3. ޒަކީ

    ބ ކެންދޫވެސް މިސަރުކާރުން ވަނީ މުޅިރަށް ހަލާކުކޮށްފަ ރަށުވަށައިގެން ތޮށިލީލީނުން ރަށުގެ ހުރިހާފަހެއްވަނީ ކަނޑަށްބޭރުވެފަ ދެންފެށީ ފެނުގެ ނިޒާމު އެކަންވެސް ވަނީ ހުއްޓިފަ ހުސް ހޮޅި ބިމުގެ އަޑީގަ އަޅާ މަގުކޮނެ 5 އަހަރުހޭދަވިއިރުވެސް އެކަމެއްނުވި އެކަމަކު އެމްޑީޕީމީހުން އެތިބެނީ ނިދާފަ.