ވިލިމާލޭގެ ހޮސްޕިޓަލް ރައްޔިތުން އުފާވާ ޒަމާނީ ފެންވަރަށް އަޕްރޭޑްކޮށް، މި އަވަށުގައި 10 ބުރިއަށް ގެތައް އިމާރަތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ވިލިމާލެއަކީ ވަރަށް އަހަންމިއްޔަތުކަން ދެވި ވަރަށް އިސްކަން ދެވި، މާލޭގެ އެހެން އަވަށްތަކޭ އެއްގޮތަށް އެއް ހަމައެއްގައި ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ތަނަކަށް ހަދައިދޭނެ ތަނެއް ކަަމަށެވެ.

މިއީ މާލެ ސިޓީގެ އެއްބައި ކަމަށާއި، އެކަން ސަރުކާރުގެ އެންމެ މަތީ ފެންވަރުން ހުރިހާ ލެވެލްއެއްގައި ސަރުކާރުގެ ތެރެއިން ރެކޮގްނައިޒް ކުރެވި، ހަގީގީ މާނައިގައި ކަންތައްތައް ކުރެވޭ ތަން ދައްކައިދެއްވާނެ ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިލިމާލެއަށް ވަޑައިގެން، ވަނީ އެ އަވަށުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މީގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ އެ އަވަށުގެ ހޮސްޕިޓަލްގެ ވާހަކައެވެ. މިގޮތުން މާލޭގައި އައިޖީއެމްއެޗް ކައިރީގައި މި އަވަށް ހުންނާތީ، ސިއްހީ ނިޒާމަށް ބަދަލު ނުގެނެސް އޮތް އޮތުން، ބަދަލުކޮށް، އެކަން ނިމުމަކަށް ގެންނަވާނެ ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ނަން ބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތް އޮތުން ނިންމާ، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރުންނާއި، ރައްޔިތުންނަށް އެ ހޮސްޕިޓަލުން ލިބެން ޖެހޭ ހުރިހާ ހިދުމަތެއް، ގާއިމް ކުރެވި ރަނގަޅު ފެންވަރުގެ ހަގީގީ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހަދައިދޭނަން، އިރާދަކުރެއްވިއްޔާ.".

އެހެންކަމުން ވިލިމާލޭގެ ހޮސްޕިޓަލަކީ ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލަކަށް ހެދިގެން ދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިލިމާލެއަށް ވަޑައިގެން، ވަނީ އެ އަވަށުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"މި ހޮސްޕިޓަލަކީ މިތަނުގައި ތިބެގެން ލިބެން ޖެހޭނެ ހުރިހާ ހިދުމަތެއް ލިބޭ، ރައްޔިތުން އެކަމަށްޓަކައި އުފާވާ ފެންވަރުގެ، ހިތްހަމަޖެހޭ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދޭނަން، އިރާދަކުރެއްވިއްޔާ".

މީގެ އިތުރުން، ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ގެދޮރުވެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެގޮތުން ލިބިފައިވާ ގޯތީގެ އުސްމިން އެންމެ 10 ބުރިއާ ހަމައަށް ނެގޭ ގޮތަށް ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސް، ސަރުކާރުން ދޭން ޖެހޭ ހުރިހާ ހުއްދައެއް ދީ، ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ނެޓްވޯކް އަޕްގްރޭޑްކޮށް، މަގުތައް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ހައްދަވާ ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިލިމާލެއަށް ވަޑައިގެން، ވަނީ އެ އަވަށުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"ލިބިފައިވާ ގޯތީގެ އުސްމިން އެންމެ 10 ބުރިއާ ހަމައަށް ނެގިގެންނޭ، އަޅުގަނޑުގެ ގާތުގައި އަބަދުވެސް ތިބޭފުޅުން ވިދާޅުވޭ، ބޭންކް ލޯނެއް ނުލިބޭ، ބޭންކް އިން ލޯނެއް ނުދޭ ހަ ބުރިއަށް އިމާރާތް ކުރާކަށް. ބޭންކްއަކަށް ގަބޫލެއް ނުކުރެވޭ ފައިސާ އަނބުރާ ދެއްކޭނެ ވަރުގެ އެކަށީގެންވާ ވަރުގެ އިންސްވެސްޓްމެންޓަަކަށް އެ އިންވެސްޓްމެންޓް ވާނެ ކަމަކަށް، އެހެން ނަމަވެސް އެ އިތުރުވާ ޖާގައިގައި، އިތުރުވާ ކަރަންޓާއި ފެނާއި، ނަރުދަމާގެ ނެޓްވޯކްއަކީ، ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ހުންނަ ނެޓްވޯކްއަކަށް ވާން ޖެހޭ. އެއާ އެކީގައި މަގުތައްވެސް.".

މިގޮތުން މިތަން ތަރައްގީ ކުރައްވާނީ، މިހާރުވެސް އޮތް ކޮންސެޕްޓަށް ކަމަށް ވިދާޅުވިއެވެ. އެއީ މިތަނުގައި އޮތް ފެހިކަމާއި ހިތްގައިމުކަން، އިންޖީނުލީ ވެހިކަލްތައް ނުދުއްވޭ ގޮތަށް އޮންނަ ކޮންސެޕެޓް ކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިްދޯނި

    މާދަމާ އިބޫ ތިގަވާއިދު ނިއްމާލާނެ ޕާކިން ޖޫރިމަނާވެސްވީ އެހެން ދޯ އަރަބިއްޔާ ވެސް ހައްލެއްހޯދާދޭނަމޭ ބުނީމަ ބުނީ .ސިޓީކއުންސޮލުން ހުއްދެއްނުދީގެން އަރަބިއްއަޅަންނުފެށިފަޔޭ ކާކުގަބޫލްކުރާނީ އެކަން މާލޭމީހުއްނައްގޯތިދޭން މި އެއްމަސއތޭ ގަވާއުދުބަލްކޮއްލި އަރަބިއްޔާއަޅަންވެސް ވާނެ ދޯ މިސަރުކާރުން ގަވާއުދުބަދަލްކޮއްގެއް އަޅަން ވީނު ކޮން ސިޓީކައުންސިލެއްކިޔާކައް މުއިޒު ބޮލައްކަންކަންޖަހަންއުޅޭނެކަމއްނެއް .މުއިއްޒި މިފަހަރު އިންޝާ ﷲ