ބޭކާރު ހަރަދުތައް ނުކޮށް، ފައިސާ ޗާޕް ކުރުން ނިމުމަކަށް ގެންނާނެ ކަމަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާދަމާ ފަށާ ރިޔާސީ އިންތިހާބުގެ ކެމްްޕެއިން ނިންމުން ފާހަގަ ކުރުމަށް މިއަދު މާލޭގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، ގައުމުގެ އިގްތިސޯދު ވެއްޓިފައިވާ ކަމަށާއި، ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން 113 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ކަމަށާއި، މި ދަރަނި ދައްކަން މި ކުރިމަތިލަނީ ކެރިކަން ކަަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި ދަރަނި ދައްކާނެ ގޮތް، އަޅުގަނޑުމެން ދަރަނި ދައްކާ ރައްޔިތުންނަށް ބުރައެއް ނުޖައްްސާ މި ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށް ޖަަހައިދޭނަން. މި ގައުމުގެ އިގްތިސޯދުތައް މުގުރަލާފައި މި ސަރުކާރުން ވަނީ.".

މިގޮތުން ހަރަދުތައް ކުރަމުން ދަނީ އެމްއެމްއޭ އިން ފައިސާ ނަގައިގެން ނޫނީ ލޯނުތައް ނަގައިގެން ކަަމަށާއި، ފައިސާތައް ޗާޕް ކުރަމުން ދަނީ އިންތިހާއަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ފަސް އަހަރު ފައިސާ ޗާޕްކޮށްފި އަށް ބިލިއަން ރުފިޔާ، އެއީ އޭގެ ކުރިއަށް ދިޔަ 40 އަހަރު ޗާޕް ކުރި 6 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރުގައި، އެއަށްވުރެ އިތުރަށް ދެ ގުނައަށް ކޮށްފި"،

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ސިޔާސަތުތައް އޮންނާނީ ފައިސާ ޗާޕް ނުކުރާ ގޮތަށް ކަމަށާއި، އެކަށީގެންވާ އަދަދަކަށް ފައިސާ އެބަހުރި ކަމަށާއި، ބޭކާރު ހަރަދުތައް ނުކޮށް، ހަރަދުތައް ކޮންޓްރޯލްކޮށް، ފައިސާ ޗާޕް ކުރުން ނިމުމަކަށް ގެނެސް، ސަރުކާރުގެ ކުންފުނިތަކަކަކީ، ރައްޔިތުންގެ ފައިސާއިން ފައިސާ ދީގެން ހިންގާ ކުންފުނިތަކުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެފައި ތިބި ކުންފުނިތަކަކަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ގައުމުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް މި ލިބެނީ ފަސް އަހަރުން އެއް ދުވަހު ކަމަށެވެ. އެ ނިންމުން ނިމުމަކީ ވަރަަށް ބޮޑު ޒިންމާއެއް، ކަމަށާއި، ވަރަށް ވަރުގަދަ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

"އެއީ އަޅުގަނޑުމެންގެ ތުއްތު ދަރިންނާއި އަލުގަނޑުމެންގެ ޒުވާނުންނާއި ކަނބަލުންނާއި، އިސްރަށްވެހިންނާއި، އެކިއެކި މަސައްކަތްތެރިންނާއި، އަޅުގަނޑުމެންގެ މުޅި ގައުމު މުޖުތަމައުގެ އަފްރާދުންނާއި، ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިންމުމެއް ނިންމަން ލިބޭ ފުރުސަތެއް.".

މުއިއްޒު ވަނީ މާދަމާ ވޯޓުލާން ދާއިރުގައި ކޮންމެ ރައްޔިތަކީވެސް ފަހުރުވެރި ދިވެއްސެއް ކަަމުގެ ހަނދާން، ހިތުގައި ބިންވަޅު ނަގައިގެން ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

"އެއީ މިއަދު ގައުމު އޮތް ހިސާބުން، އަޅުގަނޑުމެންގެ މުސްތަގުބަލު ނިންމަން އަޅުގަނޑުމެންނަށް މި ލިބޭ ފުރުސަތުގައި ފުރަތަމަ ކަމަކަށް ރާއްޖޭގެ މުސްތަގުބަލުގައި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މަތީ ވާޖިބު ކަމުގައި ދެކެވަޑައިގަތުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމަކަށްވާތީ.".

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އަދި ގައުމީ ވިސްނުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މާދަމާގެ ނިންމުން ނިންމުމުގައި، ހިތާއި ރޫހު ގައުމީ ވާޖިބު އަދާ ކުރައްވާ ބަޔަކު ކަމުގައި ވެގެން ދިއުން ކަމަށްވެސް ވެގެން ދިއުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ދޭ ޔަގީން ކަމަކީ ރާއްޖޭގެ މިނިވަންކަން ޔަގީންކަމާއި އެކީގައި ހިމާޔަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނީ ގައުމީ ޖޯޝުގައި ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައިސާ ބޭކާރު ނުކުރަން ދޯ މުސާރަ ހިނގާ އަވަށު ވެރިން ގެންގުޅެނީ

    ފުލުހުން ތިއްބައި ސިޓީ ކައުންސިލަށް އަވަށުވެރިންގެ ގޮތުގައި ބޮޑުމުސާރަ ދީގެން އެތަކެއް ބަޔަކަށް ކޮންމެ މަހަކު އެތައް ލައްކައެއް ތި އިސްރާފު ކުރަނީ، ބޭކާރު ޚަރަދު ނުކުރަން ހެއްޔެވެ؟ މިހާރު އޭގެން މީހަކު މަގެއްގެ މަތިން ނުވެސް ފެނެއެވެ.