ގއ. ކޮލަމާފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައަށާއި، ޕީޕީއެމްގެ ތަކެއްޗަށް ގެއްލުންދީ ބައެއް ސަޕޯޓަރުންނަށް އަނިޔާވި މައްސަލައިގައި އެރަށުން ހައްޔަރުކޮށްފައިވާ 18 މީހުނަށް ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ތުހުމަތުކޮށް މައްސަލަ ފުލުހުން ތަހްޤީގު ކުރަމުންދާއިރު، އެ މީހުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ގއ. ވިލިނގިލީ ކޯޓުން އަމުރުކޮށްފިއެވެ.

ސަރުކާރާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގި ހަމަނުހެނުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެނަށް ޓެރަރިޒަމްގެ ތުހުމަތު ކުރުމާއި ގުޅިގެން އެ މީހުންގެ ދިފާއީ ޤާނޫނީ ވަކީލުންގެ ތެރެއިން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، ކޮންމެ މާރާމާރީއެއް ނުވަތަ ކޮންމެ ހަމަނުޖެހުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށާއި، މި ތުހުމަތު ކުރެވިފައިވާ ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮލަމާފުށީގައި އެމްޑީޕީން ހިންގި މާރާމާރީތަކާ ގުޅިގެން މީހުން ހައްޔަރު ކުރަން ފެށުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ، ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަނީ ޕީޕީއެމުން ރާވާފައިވާ ގޮތުގެ މަތިން ކަމަށާއި އެމީހުން ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބަށް ނިކުމެ ރައްޔިތުންނަށް ވެވޭނެފަދަ ވައުދެއް، ކޮށްދެއްވޭނެ ކަމެއް އެމްޑީޕީގައި ނެތުމުން ވަގަށް ގޮވަމުން އައިސް، ޓެރަރިޒަމްގެ ބޮޑެތި އަމަލުތައް ހިންގަން ފަށާފައިވާ ކަމަށެވެ.

ކޮލަމާފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ކުރިމަތީ ހުރި ބެނާތައް ނައްތާލުމުގެ އިތުރުން 400 އެއްހާ ހޮޅިދަނޑި ވައްޓާލައި، އެއަށް ގެއްލުންދީ ޖަގަހަ ކުރިމަތީ ހުރި ދިދަފަތިތަކާއި، އަދި ޖަގަހަ ކުރިމަތީ ތައްޔާރުކޮށްފައިހުރި ވަރަށް ހާއްޞަ މޮނިއުމަންޓެއް ސުންނާފަތިކޮށް ހަލާކުކޮށްލާފައިވާކަމަށާއި، މިކަންކަމުގެ ތެރޭގައި ޕީޕީއެމްގެ ދިހަ ސަޕޯޓަރުންނަށް އަނިޔާވެފައިވާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ވިދާޅުވެފައެވެ.

ކޮލަމާފުށީގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ސެކިއުރިޓީ އެސެސްމެންޓުތައް ހެދުމަށްފަހު ފުލުހުން އިއްޔެ މެންފުރުގަހު ވިދާޅުވެފައިވަނީ، ސަލާމަތީ ސަބަބުތަކަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކޮލަމާފުއްޓަށް ކުރެއްވުމަށް ރާވާފައިވާ ދަތުރުފުޅު ފަސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ އެންގުމަށް ބެލުމެއްނެތި އެރަށަށް ވަޑައިގަންނަވަން އިބޫ ވަނީ ނިންމަވާފައެވެ.

މާދަމާގެ ވަގުތެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ކޮލަމާފުއްޓަށް ވަޑައިގަންނަވާއިރު، އޭނާ އަށް ހުރަސް އެޅުމުގެ ގޮތުން އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ކޮލަމާފުށީގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެންބަރުން ވަނީ ބުނެފައެވެ. އަދި އިންތިޚާބާއި ގުޅުވައިގެން ރަށްރަށުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާނަމަ، އެފަދަ ކަންކަމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ގެންދަވާނެ ކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް 22 ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފޯރިވެސް ވަނީ އިންތިހާއަށް ގަދަވެފައެވެ. ނަތީޖާއެއްގެ ގޮތުން މިހާތަނަށް 8 ރަށަކުން އިންތިޚާބާ ގުޅުންހުރި މައްސަލަތައް ފުލުހަށް ހުށަހެޅިފައިވާއިރު، އެކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފައެވެ. ހައްޔަރުކޮށްފައިވާ މީހުނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބި ނިރުބަވެރިކަމުގެ ދައުވާ އުފުލައި، ދައުވާ ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިން

    ރާކަނިމަސް ކާންދީފިތާ ދޯ؟ އިންޝާއަﷲ ފުރިހަމަ އަޣުލަބިއްޔަތެއް ކޮލަމާފުށިން މިފަހަރު ދޭނީ ރައީސް ޔާމީނަށް ! އެއްވެސްވެރިޔަކު އަޅާނުލި މިރަށަށް އަޅާލުންދިނީ ރައީސް ޔާމީން! އަދި ކުރިޔަށް ހުރި ބައިވަރު ތަރައްޤިތައް މިރަށަށް ލިބޭނެ ރައީސް ޔާމީންގެ ދެވަނަ ދައުރުގަ!

  2. އަހުމަދު އާދަމް

    ހަމަ ރަނގަޅު ތިޔަކަހަލަ ކަންތައް ކުރާ މީހުނައް ހައްގު އަދަބު ދޭން ޖެހޭނެ އަދަބު އަވަސްކުރޭ.....