ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަކީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސިފަ ކުރައްވައިފިއެވެ.

ދުންޔާގެ ނުރުހުން މިގޮތަށް އަމާޒުވީ އިސްރާއީލަށް ތާއީދުކޮށް، ޑރ. ޝަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ވާހަކަތަކުގެ މަންޒަރު ފެންނަ ވީޑިއޯ ޑރ. ޝަހީދު ޑިލީޓްކޮށްލި ނަމަވެސް މީސް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.

އެ ވީޑިއޯއަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވީ ދިވެއްސެއްގެ ގޮތުގައި ހުރެ ޝަހީދު ނެންގެވި ސްޓޭންޑާމެދު ލަދުގަންނަ ކަމަށެވެ. ހަމައެހެންމެ، ކުރީގެ ފޮރިން މިނިސްޓަރަކު މިފަދަ ވާހަކަތައް ދެއްކުމަކީ ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިފަދަ އަމަލުތައް ފެންނަނީ ހަމައެކަނި ގައުމަށް ޚިޔާނާތްތެރިންގެ ކިބައިން!" ދުންޔާ ކުރެއްވި އެކްސްގައި ވިދާޅުވެފައި ވެއެވެ.

ފަލަސްތީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ޝަހީދު އަށް ވަނީ އަމާޒުވެފައެވެ. އަދި އޭގެ ފަހުން ޝަހީދުގެ ޕްރޮފައިލް އެކްސްއިން ނުފެނެއެވެ.

ޝަހީދު ވަނީ ޔަހޫދީ އިސްރާއިލަށް ތާއިދުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

ޑރ. ޝަހީދު ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މިވީ ހަ ވަރަކަށް އަހަރު އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޑރ. ޝަހީދު ބުނީ އިސްރާއީލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރަމުންދާ ތަޖުރިބާތައް އިހުސާސް ވެސް ކޮށްލަން ދަތި ކަމަށާއި ހާއްސަކޮށް ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކަށް ބަލާއިރު ހާހަކަށްވުރެ ގިނަ ކަމަށެވެ. އަދި އެއީ ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އިސްރާއިލަށް ތާއިދުކޮށް ޝަހީދު ވާހަކަ ދެއްކެވި އިރު މީގެ ކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައ ޝަހީދު ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު އިސްރާއިލާ ގުޅުން ގާއިމްކުރަން އުޅުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއްވެސް ނެގި އެވެ. ނަމަވެސް ހަނި ގޮތަކަށް އެ ވޯޓުން ޝަހީދު ސަލާމަތްވެ ވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަންގާޅު ސޮރު

    ހަމަ އޭނަގެ އައްޕައާ އެއްފަދަ!!

    2
    1
  2. މަލީ

    ޤައުމަށް އެކަނިތަ؟ މާތްވެގެންވާ އިސްލާ،މް ދީނަށޯ!