އައްޑޫ ސިޓީގެ މަރަދޫ އެމްޑީޕީގެ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހިމް ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޕާޓީއަށް ސޮއިކޮށް އޭނާ ފޯމް ހަވާލު ކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއެވެ. ޕްރޮގްރެސިވް ކޯލިޝަނުން އައްޑޫ ސިޓީއަށް މި ކުރައްވާ ދަތުރުގައި ޕީޕީއެމް ޕީއެންސީ އަށް އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަނީ އެ ޕާޓީއާ ގުޅިފައެވެ. ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން ވަނީ މިދަތުރުގައި އައްޑޫ ސިޓީގެ ގިނަ އަވަށްތަކަކަށް ޒިޔާރަތްކޮށް އާންމު މެމްބަރުންނާއި ގޮފިތަކާއި ވަނީ ބައްދަލު ކުރައްވައިފައެވެ.

މިދަތުރުފުޅުގައި އައްޑޫ ހައި ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ގާނޫން ތަންދޭ އެންމެ ގިނަ ދުވަހަކު ދެޕާޓީން ވެރިކަން ކުރުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ރޫޅާލަން ފުރުސަތު ނުދޭނެ ކަމަށާއި އެކަމަށް އެއްބާރުލުން ނުދިނުމަށް ގޮވާލައްވައިފައެވެ. މިހާރުވެސް ޕީޕީއެމް ޕީއެންސީ ގެ ތެރޭގައި މައްސަލަ އުޅޭކަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރެއް ކަމަށާއި މި ދަތުރުގައި ރައްޔިތުންގެ ކަންބޮޑުވުންވެސް އައްސަވާނެކަމަށެވެ. އެބޭފުޅުންގެ މި ދަތުރަކީ ނިމިދިޔަ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން ކުރައްވާ ދަތުރެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.