އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީން ފުރިހަމަކޮށްފިއެވެ.

މި މަޝްރޫއަކީ 21.14 މިލިއަން ރުފިޔާ އަށް ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.

އާބާދީގައި 640 ހިމެނޭ ކުނބުރުދޫއަކީ ރީތި ތުނޑިއެއް އޮންނަ ހިތްގައިމު ކުޑަ ރަށެކެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ރަށުގެ ގިނަ މީހުން ކުރާ މަސައްކަތަކީ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރުމެވެ. ރަށް ގިރުމުގެ ބިރުވެރިކަމަކީ ޒަމާނުއްސުރެ ކުނބުރުދޫ ރައްޔިތުން ތަހައްމަލް ކުރަމުން އައިސްފައިވާ މައްސަލައެކެވެ.

މިކަމުގެ ސަބަބުން އުތުރާއި ދެކުނުން ހޭޅިފަށާ ހަމައަށް ރަށް ގިރައި، ރަށުގެ ގޮނޑުދޮށުގެ މަލަމަތިން ކުރިން ފެނުނު ރީތިކަން ވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން ކުނބުރުދޫގެ ގޮނޑުދޮށް ރަށް ގިރުމުން ވަނީ ހިމާޔަތް ކުރެވިފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިކަމުގެ ސަބަބުން ކުނބުރުދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއް ގޮތުގައި އެމްޓީސީސީން ފާހަގަ ކުރެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 24،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި ބަނދަރު ފުން ކުރުމާއި 430 މީޓަރުގެ ސަރަހައްދުގެއްގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި 280 މީޓަރުގެ ސަރަހައްދެއްގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި 7،171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު