ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުން، ހުށަހަޅުއްވަން ޖެހޭ ވަގުތަށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ވަނީ ހުށަހަޅުއްވާފައި ކަމަށެވެ.

‏ދެ ވަނަ ބުރުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ، މިމަހުގެ 29 ގެ ނިޔަލަށް ކަމަށް ހަބީބް ވިދާޅުވިއެވެ.

ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ފަހުން ތަސްދީގު ކުރައްވާފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން މި އަކުރުގައި ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު