މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އައު ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓްތައް ބޭނުންކުރަން ފަށައިފިއެވެ.

އެއާޕޯޓަށް އަލަށް ގެނައި އިކުއިޕްމެންޓްތައް ބޭނުން ކުރަން ފެށުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ، މަހުޖޫބް ޝުޖާއުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލުން ގެނައި އާ އިކިއުޕްމެންޓްތަކުގެ ތެރޭގައި ހިމެނެނީ 4 ބަސް، 4 އެއަރކްރާފްޓް ސިޑި، 2 ޔުނިވާސަލް ލޯޑަރ، 2 ހައިލޯޑަރ، 10 ބެގޭޖް ޓްރެކްޓަރ، 14 ސީޓިގެ އެއް މިނީވޭން، 32 ސީޓުގެ އެއް ބަސް، 1 އެއަރ ކޮންޑިޝަން ޔުނިޓް، 30 ކޯން އެންޑް ޗޮކްސް ޓްރޯލީ، އެއް ކޮންޓެއިނާ އެންޑް ޕެލެޓް ޓްރާންސްޕޯޓަރ، 4 ކޮންވެއަރ ބެލްޓްސް، 3 ގްރައުންޑް ޕަވަރ ޔުނިޓް، 40 ކޮންޓެއިނަރ އެންޑް ޕެލެޓް ޑޮލީޒް، އެއް ޓޮއިލެޓް ޓްރަކް އަދި އެއް ޓްވިން ކެބް އެވެ.

އިއްޔެ ބޭއްވި ހަރަކާތުގައި އެމްއޭސީއެލުން ބުނެފައިވަނީ އާ ގްރައުންޑް ހޭންޑްލިންގ އިކުއިޕްމެންޓްތަކުގެ ސަބަބުން ގްރައުންޑް ހޭންޑްލިންގ ޙަރަކާތްތައް އިތުރުވެ، އެއާޕޯޓަށް ޖައްސާ އެއަރލައިންތަކަށް ކުރިއަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ވެސް އެމްއޭސީއެލުން ވަނީ އިތުރު ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް ހާމަކޮށްފައެވެ.