ރާއްޖޭގައި ފިކުރީ ބައިބައިވުންތަކެއް އޮތް ނަމަވެސް އެކަން އޮތީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ނޫން ކަމަށާއި އެކަމުގައި އަދަބު ދިނުމަށް ވުރެ ބޮޑަށް ބޭނުންވަނީ ފަރުވާ ދޭން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ފާޅުކަން ބޮޑު ގޮތެއްގައި ނެތް ނަމަވެސް މީސް މީޑިއާގެ މަންސަތަކަށް ބަލާއިރު، ރާއްޖޭގައި ފިކުރީ ތަފާތު ކުރުންތަކެއް އެބައޮތް ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމަކަށްވީ އިރު ބައެއް ފަރާތްތަކުން އިސްލާމް ދީނާ މެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ދީނީ ކަންތަކުގައި ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ވެސް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"މާނައަކީ މިއިން ކޮންމެ ކަމަކީވެސް ފިކުރީ މައްސަލަތަކެއް. އެހެންވީމަ ދިވެހި ގައުމު އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މި ގައުމުގެ އެންމެ މުހިންމު އެއް މަސްއޫލިއަޔްތު އުފުލަންޖެހޭ ފަރާތަކީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ހިންގަންޖެހޭ ފަރާތްތައް. މިގައުމުގެ ފިކުރީ އެއްބައިވަންތަކަން ގާއިމުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ އެހެން އެއްވެސް އިދާރާއެއް ނޯންނާނެ އިސްލާމީ އިދާރާ ފިޔަވައި. މިކަންކަމަކީ މިއީ ފިކުރީ ގޮތުން އެޑްރެސް ކުރެވޭ ކަންކަން. އެއީ ހަރުކަށި ފިކުރު، އިލްހާދީ ނުވަތަ އެތިސަމް ފިކުރަކީ މިއީ އަަޅުގަނޑުމެންގެ ކުރިމަގުގެ ޖީލުތަކަށް ނޭދެވޭ އަސަރުތައް ކުރާނެ ކަންތައް." އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ އިދާރާއަކީ ވަރުގަދަ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އެ އިދާރާއަކީ ހަމަ އެކަނި އޮފީހަކަށް ވާން ނުޖެހޭނެ ކަމަށާއި އެއީ މިގައުމުގެ މައިބަދަ ކަމަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ފިކުރީ މައްސަލަތަކަކީ އަދަބު ދީގެން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެއީ ފިކުރީގޮތުން ފަރުވާދޭންޖެހޭ ކަމެއް ކަމަށެވެ.

"މިސާލަކަށް ހަރުކަށި ފިކުރު ހުންނަ މީހަކު އެކަން އެއީ އޭނަގެ ހިތުން އޭނަ ގަބޫލުކުރާ ގަބޫލުކުރުމެއް. އޭނަ ކިތަންމެ ދުވަހަކު ޖަލުގަ ބޭއްވިޔަސް އެ ގަބޫލުކުރުން ބަދަލެއް ނުކުރެވޭނެ. އެހެންވީމަ އެކަން ބަދަލުކުރަން މަސައްކަތްކުރަން ޖެހޭނީ ފިކުރީ ގޮތުން ފަރުވާ ދީގެން. ފަރުވާއޭ މި ބުނަނީ އޭނަ ދެކޭގޮތަކީ ކޮބައިތޯ ބަލާފަ އޭނައަށް ފަރުވާދޭ މީހާ ގަބޫލު ކުރާ ގޮތް ވެސް ހުށަހަޅަންވީ. އޭނާ ހެޔޮ ގޮތް ގަބޫލު ކުރަންދެން މަސައްކަތް ކުރަންވީ." އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ފިކުރީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަހީމް ތިއީ ބައިބައި ކުރުވާ އެކަކު

    2018 ގެ އިންޠިޚާބަށް ޕޕމ ކެމްޕެއިން ކުރި ދުވަސްވަރު، ރާއްޖޭގައި އިސްލާމްދީން ދަމަހައްޓަން ބޭނުމިއްޔާ ރައީސް ޔާމީނަށް ވޯޓު ދޭށޭ ގޮވީ ވެސް ޝަހީމެވެ. ރައީސް ޔާމީން ނެތްތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ﷲ ގެ ރަޙްމަތްފުޅުން ރާއްޖޭގައި އިސްލާމްދީން ވެސް އެބައޮތެވެ.

  2. ނަން

    ތި ވާހަކަ އެމީހުން ކައިރިން އަހާ.. ތީގެ ޖަވާބުވެސް އެބައެއް ކައިރިން އަހާ

  3. ލޮޖިކް

    ފިކްރީ މިނިވަންކަމަކީ ކޮންމެ އިސްސާނަކަށްވެސް އޮންނަންވާނެ އިންސާނީ ހައްގެއް ތިމާ ގަބޫލުކުރާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގަ ދެކި އެގޮތައް އެންމެން ގަބޫލުކުރަން މަޖުބޫރުކުރުވުމަކީ ވަރަށް ހަރުކަށި އަދި ނުބައި އަމަލެއް ހުރިހާ ދީންތަކެއްގެ މީހުންވެސް ތިފަދަ ވިސްނުންގެއްގުޅޭ ހައްސަކޮށް ހިންދީންނާ އިސްލާމުން

    3
    3
  4. ސަލީމް

    ރާއްޖޭގައި ފިކުރީ ބައިބައިވުން އޮންނަ އެއް ސަބަބަކީ އެ ބައިބައިންވުންތަކުގެ ވާހަކަ ދައްކައި ބަޔެއް ދީން ކިޔަވައިގެން ތިބި މީހުންނާއި ސިޔާސީމީހުން އެވާހަކަ ފަތުރާތީއެވެ. އެގޮތަށް ވާހަކަ ފެތުރުނުގެ ބަދަލުގައި އެއްބައިވަންތަ ކުރުވުމާ އަދި އެއް ފިކުރު އާލާކުރުވައި ދިރުވުއާނެ މަސައްކަތްތާއި ވާހަކަ ދައްކައި ހިތްވަރުދޭނަމަ އެކަންދާނީ ހައްލުވަމުންނެވެ. ކަމެއްވެގެން އިނގޭތޯ އިސްލާމްދީނުގައި މުޖުތަމައުގައި ހުންނަ ނުބައި އަދި ނޭދެވޭ ވާހަކަތަށް ހޯދައި މުޖުތަމައުގެ ތެރޭގައި ފެތުރުމަށް ހިތްވަރު ނުދެނީ. ވީމާ ދީން ކިޔަވައިގެން ތިބޭ މީހުންވެސް މިކަމަށް ރިއާއަތްކޮއް ހިކުމަތްތެރި އަނގައަކުން މެނުވީ މީޑިޔާގައި ނުވަތަ ޕަބްލިކުގައި މުޖުތަމައުގެ އުނިސިފަތަކުގެ ވާހަކަ މާގިނައިން ދެއްކުމާއި ދުރުވެތިބެ، އޭގެ ބަދަލުގައި ހެޔޮކަންކަމަށް ތަރުހީބުދީ ހިތްވަރު އާލާކުރުވައި އުޅުން މާރަނގަޅުވާނެއެވެ.