އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އދ. ދަނގެތީ ރައްޔިތުން 150،000 ރުފިޔާ ހޯދައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން މިދިޔަ މަހުގެ 13 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދަނގެތީގައި ވަނީ ފަންޑް ރެއިސިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރާކަތުން 150،095.45ރ. ވަނީ ލިބިފައެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން އިސްރާއީލުން ފަަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެކިއެކި ރަށްރަށުގައި ދަނީ ފަންޑް އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ފަލަސްތީން ފަންޑަށް ފައިސާ ހަދިޔާކޮށްފައިވެއެވެ.

އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ވަރަށް ގިނަ ބަޔަކު މަގުމަތިވެފައިވާ އިރު، އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތަކަށް މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 10،812 އަށް އަރައިފައެވެ. އޭގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރާއްޖޭގެ ރައްޔިތުން މި ޖަމާކުރާ ހުރިހާ ފައިސާއެއް ކާލަނީ ޔަހޫދީންނާއި ޔަހޫދީންގެ އިޔަހޫދި ޕަޕެޓު މަހުމޫދު އައްބާސެވެ. ދިވެހިންނަށް މިކަން ނޭނގޭތީ ހިތާމަކުރަމެވެ.

    2
    1
  2. ހަސަން

    ސާބަހޭ!