ސަރުކާރުގެ ކެބިނެޓާއި ކުންފުނިތައް އެއްކޮށްލައިފި ނަމަ، އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖްމަންޓްގައި ތިއްބަވާނީ އެމަނިކުފާނުގެ ސަރުކާރެއްގައި ކަމަށް އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަން ތައްޔާރުވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެބިނެޓްގައި 22 ބޭފުޅުން ތިބޭނެ، އެކަމަކު، ސިޔާސީ މަގާމައި ހަރަދު ކުޑަވާނެ: މުއިއްޒު

މުއިއްޒު މި އިންޓަވިއުގައި އިއުލާން ކުރައްވާފައިވާ ގޮތުން ކެބިނެޓްގައި 22 ވަޒީރެއް ހިމެނިވަޑައިގަންނަވައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަން މީގެކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އައިއިރު، ސަރުކާރުގެ ކުންފުނިތައް ހިންގަވަން ދޭކަށް ވުރެ ގިނަ އަންހެން ބޭފުޅުން ނުތިއްބަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އެކުލަވާލާ ޓީމުގައި ހަމައެކަނި ކުންފުނިތައް ހިންގަވަން ހަ ބޭފުޅުން ތިއްބަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ކެބިނެޓުގައިވެސް އަންހެން ބޭފުޅުން ހިމެނޭ ކަން ފާހަގަ ކުރެއްވުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް މުއިއްޒު ދެއްވާފައެއް ނުވެއެވެ.

"އަޅުގަނޑު އެކުލަވާލާ ޓިމުގައި މިހާރުވެސް އަޅުގަނޑު ކޮންފަމޭޝަން ދީފައިވާނެ 6 ބޭފުޅުންނަށް" މުއިއްޒު ވިދާޅުވިއެވެ.

"ކެބިނެޓާއި ކުންފުނިތައް އެއްކޮށްލާއިރުގައި މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖްމަންޓް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އަންނާނީ،"

"ވަގުތަށް" އެނގިފައިވާ ގޮތުގައި މުއިއްޒުގެ ކެބިނެޓުގައި ތިން އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި އެގްރިކަލްޗާ މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ޑރ. މަރިޔަމް މާރިޔާއެވެ.

މުއިއްޒު ވިދާޅުވީ އެކިއެކި މަގާމުތަކަށް އައްޔަން ކުރެއްވުމުގައި ބައްލަވާފައި ވާނީ އެ ދާއިރާއަކުން ކިޔަވާ ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ނެންގެވޭތޯ ކަމަށެވެ. އަދި އެހެން ނުވާ ފަހަރުގައި އެ ދާއިރާއަކާ ގާތް، ގުޅުން އޮތް ވީހާވެސް ހިންގުންތެރި ތަޖުރިބާ ހުންނެވި ބޭފުޅުންނަށް އިސްކަން ދެއްވާފައި ހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ފުރަތަމަ ޑިގްރީ ނެތް އެއްވެސް ބޭފުޅަކު ނުހުންނަވާނެއެވެ. ޕީއެޗްޑީ ހޯލްޑަރުންގެ ގޮތުގައި ނުވަ ވަރަކަށް ބޭފުޅުން ތިއްބަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މާސްޓާސް ހައްދަވާފައި ތިއްބެވި އަށް ވަރަކަށް ބޭފުޅުން ތިއްބަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެކުލަވާލާ ކެބިނެޓްގެ ގޮތުގައި ލާ ބޭފުޅުން އެއީ ސަރުކާރަކީ، ސަރުކާރުގެ އެންމެ މަތީ ފަނޑިޔަކީ. އެ މަތީ ފަނޑީގައި ތިބޭނީ އަޅުގަނޑަށް އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް ފަހުބަސް ބުނެވޭ މީހުން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ގާބިލް، ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ކަމަށެވެ. އަދި ކެބިނެޓުގައި ހިމެނޭ ޓީމަކީ ތެދިވެރިކަމާއި އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދެއްވާނެ ޓީމެއްކަން ޔަގީންކުރައްވާކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ބައިބައިވުމާއި ބަދަލު ހިފުން އަދި ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި ކުރިޔަށް ދާން ބޭނުން ނޫން ކަމަށާއި ބޭނުންފުޅު ވަނީ އެކުވެރިކަމާއެކު ހަމަޖެހިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަކީ މިހުރިހާ ކަމެއް ހާސިލްވާ ކަހަލަ ކެބިނެޓަކަށްވުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖޭމު

    އަންހެން މީހެއް ވީމަ ކޮންމެހެން ވަޒީފާ ދޭކަށް ނުޖެހޭ. ކަމައް ގާބިލް މީހެއް ލީމަ ނިމުނީ އަންހެނެއް ފިރިހެނެއް ނުބަލާ.

    22
  2. ސަރަފަކައްދަ

    މަނިކުފާނޫ ! އެންމެ ގިނައިން އޮފީހަށް ސަލާން ވެސް ބުނާނީ ތިބުނާ ބަޔަކު!

    16
    3
  3. ފުއާދު

    އަންހެނުނ ވެރިންނަށ ހެދުމަކ ފަޚުރެއ ނޫނ.

    17
    2
  4. އަލްޖިބްރާ

    އަންހެނުން ވެރިންނަށް ވެގެން ހިންގާ ސަރުކާރެއްގަ ފިތުނަ ފަސާދަ ވަރަށް ގިނަވާނެ !

    25
    3
    • މިސޯޖިނީ

      ތިބުނާ ފަސާދައަކީ ފިރިހެނުންނަށް ހަޖަމުނުވެގެންވާނެ ފަސާދައެއ ފިތުނަ ފިރިހެނުންވެސް ގައިމު މަދެއް ނުވާނެ އެހުރީ މިގައުމުގެ ފިތުނައިގެ ރަސްގެފާނު އަންނި

  5. އަލިފް ހ

    ވެރިންނަށް އަންހެނުން އަންނަ ތަނެއް ހެވެއް ނުވާނެ! އެހެން ނޫން ކަމަށް ވާނަމަ ރަސޫލާގެ ބަސްފުޅު އެއީ ދޮގެއް! އަވަހަށް ތިކަން ހުއްޓާލާ!

    22
    4
    • އަސްލޭ

      ޔެސް ނަބިއްޔާގެ ބަސްފުޅު ދޮގެއް ނުވާނެެ.. ޑރ މުއިއްޒަށް ކުރި އުއްމީދު ފަނޑުވާގޮތް މިވަނީ. އެކަމު އިންޝާ ﷲ ރަނގަޅުވާނެ ބޮޑުތަނުން.. ދުޢާއަކީ އެއީ..

      11
      1
  6. Anonymous

    ކޮންމެ އަންހެން މަޤާމަކަށް އިތުރު އަންހެނެއް ހަމަ އެ މަޤާމަށް ބޭނުންވާނެ، ސަލާން ބުނާވަރުން.

    ތަނުގެ ޚިދުމަތެއް ނުދެވުނަސް ސައި ކޮޓަރިއާއި ފާޚާނާ ތައް ލަގްޒަރީ ފެންވަރުގައި ހަދަން މަޖުބޫރުވާނެ.

    ތަޖުރިބާ ކުރެވިފަހުރި ކަންކަން މިހުންނަނ

    13
    2
  7. އެހެންވީމަ ފެށުމުގައި ވެސް ތިއޮތީ ފެއިލްވެފަ

    މަޖިލިސް ހިންގުމުފައި ވެސް އެންމެ އިސްކޮށް ދެ އަންހެނަކު ތިބީމައި ކަންތައްކުރާ ގޮތް މިހާރު ވެސް ރައްޔިތުންނަށް އެބަ ފެނެއެވެ.

    5
    1
  8. ޢަލީ

    އަންހެނަކަށްވީމަ ވަކިއެޑްވާންޓޭޖެއް އޮންނާކަށްނުޖެހޭ!
    އެންމެ ގާބިލްމީހާ ބޭނުމީ!

  9. 4 އަނބިން ވެސް ހޯއްދަވަންވީ ނޫންތޯ

    ތަނަވަސްކަން ހުރި ފިރިހެނުން ގިނަ އަނބިން ހޯއްދަވަން ވެސް އިސްލާމްދީނުގައި ބާރު އަޅުއްވާފައި ވެއެވެ.

    5
    2
  10. ރަށުމީހާ

    އަންހެނުން މިހާ މަތިކުރަން ސަރުކާރުންތަކުން ވިސްނީމާ އިނދިގެން އުޅެވޭކަށް ނެތް މި ދެންބަޮޑުވަރު ދެ ޖިންސްގެ ދެމެދުގައި ހުރި ތަފާތު ނައްތައެއް ނުލެވޭނެ

  11. ހަސަން

    ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯރޓްގަވެސް ހުރޭ ތަނެއްދޮރެއް ނުދަންނަ މެނޭޖަރެއް ބަހައްޓާފަ..ތަންތަނަށް މެނޭޖަރުންނަށް ލާންވާނީ ތަޢުލީމީ ޤާބިލްމީހުން..ވަރަށްވާހަކަ