ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި އިންޑިއާގެ ޓެމިލްނާޑޫގެ އަށް މަސްވެރިންތައް އަނބުރާ ގައުމަށް މިއަދު ފޮނުވާލައިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ އަށް މަސްވެރިން އެ ގައުމަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. މި އަށް މަސްވެރިން ފޮނުވާލި ނަމަވެސް އަދިވެސް ބާކީ ހަތަރު މަސްވެރިން އެބަތިބިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެ ބޯޓުގައި ތިބި 12 މީހުން އަތުލައިގަތީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ބޯޓު 42،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަންގާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މަސްވެރިން ހިފަހައްޓައި ޖޫރިމަނާ ކުރި މައްސަލައިގައި އިންޑިއާގެ ޓެމިލް ނާޑޫގެ މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ފާޑު ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އަދި އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށާއި އެމީހުން މަސްވެރިކަން ކުރަމުން ދިޔައީ ގަވައިދާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް އަވައްޓެރިންނަށް ކަމޭހިތާ އޯގާތެރި ބަޔެއް، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު އިންސާނިއްޔަތަށް ފޯރުކޮށް ދިނުމަކީވެސް ދައުލަތުގެ ޒިއްމާއެއް!

  2. ހަސަން

    ތިއީ ހިންދުސްތާނުމީހުން! ނަމަނަމަ ތަދެއްނުކުރާތި!