ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ވެރިކަން ކުރާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ އޮންނަ (އެމްޑީޕީ)އިން ތައްޔާރީތައްވާން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ވިދާޅުވީ، މި މައްސަލައިގައި ތައްޔާރީތައް ވަމުންދާ ކަމަށާއި މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދު މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އީވާގެ އިތުބާރުނެތް ކަމަށް ހުށަހަޅާ މައްސަލައަށް މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި އަފީފް އާއި އީވާ، މެންބަރުންގެ އިމްތިޔާޒާށް އެރި ކަމަށް ނިންމާ މިހާރު ވަނީ ފިޔަވަޅު އެޅުމަށް ފޮނުވާފައެވެ.

މިއީ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ދެވަނަ ފަހަރެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގެ ކުރިން ވެސް 50 މެމްބަރުންގެ ސޮޔާއި އެކީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް ފަހުން އެ މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ނައިބް ރައީސް އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން ނިންމާ އެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހުސެއިން އަފީފް އަމަލުކުރެއްވި ގޮތުންނެވެ.

މަޖިލީހުގެ ނާއިބް ރައީސް ވަނީ ހެނދުނު 9:00 ގައި ބޭއްވި ޖަލްސާއަށް ސަލާމް ވިދާޅުވުމަށްފަހު، 11:30 ގައި ބެއްވި ޖަލްސާއަށް ވަޑައިގެން ޖަލްސާ ފައްޓަވާފައެވެ. އަދި އިވާ ވިދާޅުވީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކީ މިއަދު ހެނދުނު 09:00 ޖެހިއިރު ފެށުނު ޖަލްސާގައި މިއަދުގެ ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

އެހެން ކަމުން އެއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެ ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް ވިދާޅުވެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަޒީރު

    ސަނީފު، މޫކޭ، ރޯޒު އާންޓި، މިވެސް ދެން ބައެއްތަ؟ ޗީ. ދެން ތިތާ އެކަކުވެސް ގޮނޑިއަކަށް ނުހޮވެނޭ. ދެން ލަލަލާ.

    4
    2
  2. އަވަށުމީހުން

    އަސްލަމޫ ދެން ތިނޫންކަމަކާ ރަށުތެރޭން އުޅޭ ތިކަމެއްނުވިއެއްނު

    2
    2