ފުވައްމުލަކު އެއާޕޯޓުގައި ހިނގި އެކްސިޑެންޓާ ގުޅިގެން މާލެއިން ރެސްކިއު ފްލައިޓެއް އެ ރަށަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މުޝިލް ސޮބާހު "ވަގުތު" އަށް ވިދާޅުވީ ފުވައްމުލަކުގައި ހިނގި އެކަސިޑެންޓާއި ގުޅިގެން އިންޖިނިއަރުންގެ ޓީމަކާއެކު ރެސްކިއު ފްލައިޓެއް ދަތުރު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މުޝިލް ވިދާޅުވީ އެކްސިޑެންޓުގައި ފްލައިޓަށް މާ ބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި ނަމަވެސް ލިބުނު ގެއްލުމާއި އޭގެ ކުޑަ ބޮޑުމިން އެނގޭނީ އިންޖިނިއަރިން ޓީމުން ބެލުމަށްފަހު ކަމަށެވެ.

"ސީދާ ލިބުނީ ކިހާ ބޮޑު ގެއްލުމެއްކަން ބުނަން ނޭނގެ. އެ ފްލައިޓަށް ދެން ދަތުރުކުރެވޭނީ އިންޖިނިއަރިން ޓީމުން ބަލައި ނުރައްކަލެއް ނެތްކަން ޔަގީން ކުރުމުން." އޭނާ ވިދާޅުވިއެވެ.

އެ ފުލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން ރެސްކިއު ފުލައިޓުން ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ފުވައްމުލަކު އެއާޕޯޓުގައި ގްރައުންޑް ކްރޫން ބޭނުން ކުރާ ވެހިކަލް ގޮސް ކޮންޓްރޯލް ނުކުރެވިގެން ފުރަތަމަ ޖެހުނީ ހޭންޑްލިންގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިގައި ކަމަށެވެ. އަދި ވެހިކަލް އައި ބާރު މިނުގައި ރަންވޭ މަތީގައި އޮތް ފްލައިޓުގައި ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސްވެގެން ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.