ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް އަޅަން ފަށަނީ ބަންކަރިން ހިދުމަތާއެކުގައެވެ.

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ވަނީ މިދިޔަ އޮގަސްޓް މަހު ހަވާލު ވެސް ކުރިއެވެ.

ހުވަދު އަތޮޅާއި އާއި ލ. އަތޮޅު ދެމެދުގައި ހުވަދޫ ކަނޑަކީ ގިނަ އަދަދެެއްގެ އާގު ބޯޓުތައް ދަތުރުކުރާ ވަން އެންޑް ހާފް ޑިގްރީ ޗެނަލެވެ. އެ ޗެނަލުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށާއި އެހެން ބައެއް ހިދުމަތް ދެވޭ ގޮތަށް ގާދޫ ތަރައްގީކޮށް، އެ ރަށާއި ފޮނަދުއާ ދެމެދު އޮތް ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސްގެ ވައުދެކެވެ.

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ.