ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ހަމަޖައްސައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި ހާއްސަކޮށް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުއާޒް މަތީ ތައުލީމު ހާސިލު ކުރެއްވީ އާކިޓެކްޗާގެ ދާއިރާއިންނެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރެއްގެ މަގާމު ވެސް އަދާކުރެއްވި މުއާޒް ވަނީ އަމިއްލަ ވިޔަފާރީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.

ރައީސް މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރުކަން ކުރެއްވި މުއާޒް ވަނީ ކެމްޕެއިން ތެރޭގައި ވަރަށް ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން މުއިއްޒަށް ކުރެވިފައިވާ އެކިއެކި ތުހުމަތުތަކަށް ރައްދު ދެއްވައި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު ސައީދެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު ހަމަޖައްސަވާފައި ވަނީ ޑިސެންބަރު 16، 2018 ގައެވެ. އެކަމަކު، މި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ސައީދު މަގާމުން އިސްތިއުފާ ދެއްވިއިރު، ފެނަކާއާ ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައި މި ސަރުކާރުން ވަނީ ބުނެފައެވެ.

އިންތިގާލީ މުއްދަތުގައި ތަރުޖަމާނު ކަން ކުރެއްވި މުހައްމަދު ފިރްޒުލް ވިދާޅުވީ 4.1 ބިލިއަން ރުފިޔާގެ ތެރެއިން އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މި ފައިސާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަރުހަބާ! ދެން ވޯޓުހޯދަން މި ބޭބޭފުޅުން ކައިރިއަށް ދާތި. މިބޭފުޅުންނައް ހުރިހާ ފޮނިމީރެއް! އަހަރެމެންމީ ބައެއްނޫން! އަހަރެމެން ނިކަމެތިން ކަމަކުނުދާނެ