ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި އެ ގައުމަށް ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑޮކްޓަރު ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކީ ތުރުކީވިލާތަށްވުމީ ލިބިވަޑައިގެންނެވި ހައްސަ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގޮތުން އެކިއެކި މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ތުރުކީގެ ރައީސްއާއި އަދި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް. ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށް. ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް. ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައި.” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުން ކަމުގައި ވިދާޅުވެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުފުޅުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަމެންދޯ

    ދިވެހިން ފަލަސްތީނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެ އެކަމަކު ރައީސް މީހާ ކުރާ ތާއީދަށް ބަދަލު އައި ކަން ނޫންތޭ އެގިގެންދަނީ ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އޭނާ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެކަމަކު ސިފައިންގެ ބަންޑާރަކޮށީގެ ބޭރުފާރުގައި ލާނެ ކުލަކޮޅެއް ގަންނާނެ ފައިސާ އެއް ނެތް ދޯ ފަލަސްތީނާއި އެކު ތިބި ބަޔަކު މިފަދަ ނާޗަރަނގީ އެއް ނުކުޅޭނެއޭ އެއީ ހަމަ ޔަގީން ކަމެކޭ..

    5
    5