ރާއްޖޭގެ އެޗްއައިވީ ޖެހުނު 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.

އެޗްޕީއޭއިން މިއަދު ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޗްއައިވީ ޖެހުނު މީހުންގެ އަދަދު 40 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓް ކަމަށްވާއިރު، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެެއް ކަމަށްވާއިރު، އެޗްއައިވީން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ ( (Pre-exposure prophylaxis or PrEP ވެސް ރާއްޖެގައި ލިބެން ހުންނަ ކަމަށް ބުނެފައި ވެއެވެ.

އެޗްއައިވީއަށް ޓެސްޓު ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަގީންކަން ހޯދުމާއި، ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓް ކުރެވޭއިރު، ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއެވެ. އަދި ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިއްމު ކަމަށްވާއިރު، މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްއައިވީ އަކީ ރައްކާތެރިވެވޭ ބައްޔެއް ކަމަށްވާއިރު، އެ ބައްޔަށް ފަރުވާ ލިބެން ހުރެއެވެ. އެޗްއައިވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވި ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމަށް ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރެދާނެއެވެ.
ބަލި ފެތުރޭ ގޮތްތައް
  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވެއެވެ.
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން
ބަލި ނުފެތުރޭނެ ގޮތްތައް
  • މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
އެޗްއައިވީން ރައްކާތެރިވެވޭނެ ގޮތްތައް
  • - އެޗްއައިވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.
  • - ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން
  • - އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން
  • - ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ"”Let Communities lead މި ޝިއާރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙސ

    ރާއްޖޭގަ މިހަރު ހާހެއްހާ މީހުން މަދުވެގެން އުޅޭނެ. ރާއްޖޭގައި ހަށިވިއްކުން ހައްދުފަހަނަ އަޅާފަ. ރާއްޖެޔަށް އެބަ އާދޭ އެއިޑްސް އޮލަޖެހިފަ އޮންނަ ގައުމްތަކުގަ ހަށިވިއްކާ މީހުންވެސް. ދިވެހީން ހެބަލިވެފަ ތިބެނީ އެޔެއް މިޔެއް ނުބަލާ އެެމީހިން ގާތައް ވަދޭ. މިކަން ރަންގަޅަށް ސަރުކާރު ނުބަލަހައްޓައިފިއްޔާ އަަތަށްްގޮވާ ހިސާބައް ދާނެ.