ރޭ ހުޅުމާލޭ ސެންޓްރަލް މޯލްގެ ލިފްޓް ތެރޭގައި 14 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިންތޯ ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް މޯލް ލިފްޓް ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެހެންކަމުން، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރެވިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެެވެ.

ފުލުހުން ވަނީ މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.