މަސްތުގެ ހާލުގައި ޕާޓީކުރަން ހުއްޓާ އަތުލައިގަނެވުނު ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ފުލުސް އޮފިސަރު ހަސަން ޝުޖާއު ވަޒީފާއިން ވަކި ނުކުރަން ނޮވެމްބަރު 16 ވަނަ ދުވަހު ނިންމައިފިއެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް މާލޭގައި 10 ނޮވެމްބަރ 2021 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަސަން ޝުޖާއު ހައްޔަރު ކުރީ މަސްތުވާ ތަކެއްޗާއެކުއެވެ. މި އޮޕަރޭޝަނުގައި ހަތަރު އަންހެނަކާއި އަށް ފިރިހެނުން ހައްޔަރު ކުރިއެވެ. އެމީހުންގެތެރޭގައި ޝުޖާއުގެ އިތުރުން ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ވެސް ހިމެނެއެވެ.

މިމައްސަލައިގައި ޖިނާއީ އަދި އިދާރީ ތުހުމަތުތަކެއް ޝުޖާއުގެ މައްޗަށް ކުރެވި މައްސަލަ ތަހުގީގުކުރަން ފެށިއެވެ. މައްސަލަ ތަހުގީގުކޮށް ޕޮލިސް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޝުޖާއު ވަޒީފާއިން ވަކިކުރަން ބޯޑުން ނިންމިއެވެ.

އޭނާ ހައްޔަރުކޮށް އެކި ފަހަރުމަތިން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް ފުލުހުން އެދިގެން އަޑުއެހުންތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާ ބަންދުން ދޫކޮށްލި އިރެއް ވެސް އެނގިފައެއް ނުވެއެވެ.

އަދި މިދިޔަ މަހު 16 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިނުކޮށް މަގާމު ދަށް ކުރުމަށް ނިންމާފައިވާ ކަަމަށް ވަނީ އެނގިފައެވެ.

ޝުޖާއު ކުރިން އަދާކުރަމުންދިޔައީ ސީނިއާ ސާޖެންޓުގެ މަގާމެވެ. މިހާރު ވަނީ އެ މަގާމު ދަށް މަގާމަށް ޑިމޯޓްކޮށްފައެވެ.

ފުލުހުން ބުނާގޮތުން ޑީއީޑީގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜައްޔިތުމީހާ

    ލޮލް

  2. ޖަވާދު

    ބަރާބަރު! ތިޔައީ ތިކަން ހިންގަންވާނެ ގޮތް! ބޮޑު އަތެއްގެ ނިވަލުގައި ވިޔަފާރި ކުރާނަމަ ސަލާމަތް ކުރާނެ ގޮތް ވެސް އޮންނާނެ!

    1
    2
  3. ހަސަން

    އިތުބާރު ރައްޔިތުންގެ ފުލުހުންގެ މައްޗަށް އޮތް ގެއްލިދާނެ، 2ގުނަ ބޮޑު އަދަބުދީގެންވެސް މި މިކަހަލަކަމެއް ދެން ވިޔަނުދޭތި!

    1
    1