ހަލުވި ދުވެލީގައި، ފައިތިލަ ސާބިތުވެތިބެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ފަޅު ހިއްކާ ހަގީގަަކަށް ހަދައިދެއްވާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ފަޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާއި ސީއެމްސީގެ ޕާޓްނަރުން ކަމަށްވާ ބޮސްކާލިސް އާއި ޗައިނާގެ ސްޓޭޓް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތްތަނުގައި ރައީސް އެދިވަޑައިގަންނަވާ ގޮތަށް ދިވެހިންގެ ދިވެހި ރާއްޖޭ، އަދި ގްރޭޓާ މާލެ އޭރިއާގެ ބޯހިޔާވަހިކަން ތަނަވަސް ކޮށްދިނުމުގެ މައި އަޒުމުގައި އަޅުގަނޑުމެން އެންމެން ސާބިތުވެ ތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދިވެސް އެއްފަހަރު އަރުވަން،".

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު ފޮޓޯ: އަބްދުﷲ އަބީދު

އަދި ރައީސް މި ފެއްޓެވި މަޝްރޫއުގައި ސާބިތުވެ ތިބެ، އެ ކުންފުނީގެ ޓީމު ދޭ ޔަގީންކަމަކީ، ސަރުކާރުން ދޭ އިރުޝާދާއި ލަފާގެ މަތިން ތަނުގެ ޑެވެލޮޕްމެންޓް ޕްލޭން އެކަށައަޅާ، ކުރިއަށް އޮތްތަނުގައި ހަލުވި ދުވެލީގައި، އުސްމިނުގައި ފައިތިލަ ސާބިތުކޮށް މި މަޝްރޫއު ހަގީގަަކަށް ހަދައިދިނުމުގައި ތިއްބަވާނެ ކަން ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމުން، އަޅުގަނޑުމެންގެ ލަޔާގަތާއި ގާބިލްކަން ދިން އެންމެ ފުޅާ ދާއިރާއެއްގައި ދިވެހިންގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި، ރައީސްގެ މުޅި މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ކެނޑިނޭޅި ރެއާ ދުވާލު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،".

މިއަދު ހިއްކަން ފެށި ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    މިތަން ހިއްކައިގެން އެންމެ ފުރަތަމަ ގޯތި ލިބޭނީވެސް ރޮޒޭމެންކަހަލަ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް

    3
    1
  2. އިބޫ

    ކޮބައިހޭ އަހަރުމެންގެ ވިންދާ ގުޅިފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ ކަންކަން. ރައްޔިތުން ވާނުވާގައި ބައިތިއްބައިގެން ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައި ކޮން ރަސްމާލެއެއް ހިއްކާކަށް. ފޭސް 3 ހިއްކައިދޭން ވައުދުވެފައި ތިހިރީ.