ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލަޝްކަރު ބިނާ ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭގައި ވިދާޅުވެއްޖެއެވެ.

ފަޒުލް "އެކްސްް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު މަގުމަތި ނުކޮށް އިންތިހާބު ބޮއިކޮޓް ނުކޮށް ދިވެހީންގެ ރާއްޖެއަށް ދަތުރު ކުރުމަށް ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބުކުރެއްވި އަދުގެ ރައީސް މުއިއްޒު ޕީޕީއެމް/ޕީއެންސީ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާ ކުރުމަށް ދެމި ހުންނަވާނެ ކަމަށެވެ.

ފަޒުލް މިހެން ވިދާޅުވެވާއިރު ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. ޔާމީން މިހެން ވިދާޅުވުމާއި ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ޕީޕީއެމްގެ އޭރުގެ ލީޑަރަކަށް ހުންނެވި ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާފައެވެ. އެއީ އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. ޔާމީން ޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އަދި މިހާތަނަށް ޕާޓީ ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ.

މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ރައީސްް މުއިއްޒެވެ. އެމަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރު ރާއްޖެ ތަރައްގީގެ ގޮތުން ވަރަށް ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަލީމް

    ޕީޕީ އެމް އެބައޮތްތަ - ހަމައެކަނި އިލެކްޝަން ދަފްތަރުގަ އޮތް ނަމެއް- މަޖިލީހަށް މެންބަރަކު ކުރިމަތި ނުލާ ގުނބޯ ހައްދަނީ ޕީޕީއެމް އެ ކިޔައިގެން

  2. އައްޔު

    ކިހިނެއް ލަސްކަރު ބިނާކުރާނީ؟؟ ޤައުމު ބިނާކުރެވިދާނެ ލަސްކަރެއް ބިނާނުކުރެވޭނެ

  3. ފޮރޮންޓް.

    ލަޝްކަރެއް ބިނާ ކުރެވޭނީ، ކޮންމެވެސް ވަރެއްގެ އިޙްލާސްތެރިކަމަކާއި، ގާބިލުކަމެއް ހުރެގެން. އެފަދަ ކަމެއް މިސަރުކާރުން ފެންނާކަށް ނެތް. 4 މަސްވީއިރު، ގައުމު މިވަނީ ބާޓާ އުސޫލުން ނުއަގުގައި ވިއްކާލާފައި. އެތައް ބައެއްގެ ފުލެޓާއި، ގޯތިތަކަށް ވާނުވާޖަހާފައި. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިކަން ކަމުގެ ނަތީޖާފެންނާނެ. އިންތިޒާރުކޮށްލައްވާ.

  4. ޔާ

    ރައްޔިތުންގެ ލާބައަށް ކަމަށްބުނެ އުފައްދާފައިތިބޭ ސިޔާސީ ޕާޓީތަކުން ތިމަންނާމެންނަކީ ލަޝްކަރޭ ބުނުމުން ދޭހަވަނީ ބައިބައިވެ ތަޅާފޮޅުމުގެ މަގްސަދުގައި ނިކުމެ ތިބިބަޔެއްކަމުގައެވެ. ޕާޓީތަކަކީ އެއްބައިވަންތަކިރުމުގެ ރޫހު ނެތް ބަޔަކު ކަމުގައިވާނަމަ އަދި އަބަދު ކޮންފުރަންޓޭޓިވް ބަޔަކު ކަމުގައިވާނަމަ ހަމަ ޖެހުމެއް ނެތެވެ.