ސިނަމާލެ ބުރިޖުގައި ބަހުން ދަތުރު ކުރުމަށް ރީޗާޖު ކުރެވޭ، ލައިފްޓައިމް ސުމާޓް ކާޑެއް ތައާރަފް ކުރައްވާނެ ކަމަށް އެމްޕީއެލް އިން ވިދާޅުވެއްޖެއެވެ.

ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް މިއަދު ހަވީރު އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ ގްރޭޓަރ މާލޭ ބަސް ޓަރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބުރިޖުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދޭ އެމްޕީއެލްގެ ސީއީއޯ ޢަބްދުލްރައްޒާޤް ވިދާޅުވީ، ބަހުގެ ޚިދުމަތަށް އެމްޕީއެލް ތައްޔާރުވީ ހަމައެކަނި ޓަރމިނަލް އެއް ހަދާފައި ބަސްތަކެއް ގެނެސްފައި ދަތުރު ކުރެވޭގޮތް ހެދުމަށް ނޫން ކަމަށާއި، ސްމާޓް ކާރޑް ސިސްޓަމްވެސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

"ސްމާޓް ކާރޑް ސިސްޓަމްވެސް އަޅުގަނޑުމެން ވާނީ ތައްޔާރީ ހާލަތަށް ގެނެސް ހަމަޖައްސާފައި. މީގެ ތެރެއިން ހުރިހާ ފަސިންޖަރުންނަށްވެސް ސްމާޓް ކާރޑް ގަނެގެން ލައިފްޓައިމް ކާޑަށް ރިޗާޖް ކޮށްގެން އެ ކާޑު ބޭނުންކޮށްގެން ބަހުގައި ދަތުރުތައް ކުރެވޭނެ." އެމްޕީއެލްގެ ސީއީއޯ ޢަބްދުލްރައްޒާޤް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޢަބްދުލްރައްޒާޤް - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ޢަބްދުލްރައްޒާޤް ވިދާޅުވީ ސުމާޓް ކާޑެއް ތައާރަފް ކުރާއިރު، ކާޑު ބޭނުން ކުރުމަށް ބަހުގައި ޚާއްޞަ ޑިވައިސްއެއް ހަރުކުރެވިފައި ހުންނާނެ ކަމަށާއި، ބަހުގައި ހުންނަ އެ ޑިވައިސްގައި ކާޑް ޓަޗް ކޮށްލާފައި ހުޅުމާލެއަށް އަދި އެއާޕޯޓަށްވެސް ދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް ބަސް ޓަރމިނަލް ތަރައްޤީ ކުރެއްވީ 37 ދުވަހުން ކަމަށާއި، ވީހާވެސް ވަރަކަށް ޕޭޕަރ މަދުކުރެވޭތޯ ބަލަމުންދާކަމަށް އެހެން ނަމަވެސް ކާޑް ނުގަންނަ ބޭފުޅުންނަށް ޓިކެޓް ގަނެގެސް ދަތުރު ކުރެވޭނެ ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

ބަސް ދަތުރުތައް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޢަބްދުލް ރައްޒާޤް ވިދާޅުވީ، ބަހުގެ ދަތުރުތަކުގެ އަޖުމަ ބަލާލުމުގެ ފުރުޞަތު ދިވެހިންނަށް ދިނުމުގެ މަޤްޞަދުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ.

ބަސް ދަތުރުތަކަށް ނަގާ ފީއާއި ބަސް ސްޓޭޝަންތައް ގާއިމްކުރާ ތަންތަނާއި ޝެޑިއުލް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެމްޕީއެލް އިން ވިދާޅުވެއެވެ.

ހުޅުމާލެއާއި ދެމެދު ކުރާ ބަސް ދަތުރުތައް މިއަދު ފަށާއިރު އެ ޚިދުމަތް ރަސްމީކޮށް ފަށަންދެން ދަތުރުތައް ކުރަމުން ގެންދާނީ ޕީކް ގަޑިތަކުގައި އެކަންޏެވެ. މިއަދު ފަށާ ބަސް ދަތުރުތަކުގައި 9 ބަސް ބޭނުން ކުރާއިރު ކުރިއަށް އޮތް ތަނުގައި ޑަބަލް ޑެކް ބަސްތަށް ހިމެނޭ ގޮތަށް އެ އަދަދު 22 އަށް އިތުރު ކުރާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސިނަމާލެ ބުރިޖާއެކު މާލޭ ބަސް ސްޓޭޝަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ބަހުގެ ދަތުރުފަތުރުން ގުޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.