ސިޓީ ޗެކިންގެ ޚިދުމަތް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ ގްރޭޓަރ މާލޭ ބަސް ސްޓޭޝަނުން، މާދަމާ ހެނދުނު ދޭން ފަށާނެކަން މޯލްޑިވިއަން އިން ހާމަކުރައްވައިފިއެވެ. ސިޓީ ޗެކިންގެ ޚިދުމަތަކީ މާލެ އަދި ހުޅުމާލޭގައި ޤާއިމު ކުރެވޭ ސްޓޭޝަން ތަކަކުން ފްލައިޓްތަކަށް ޗެކިންގ ވެވޭގޮތަށް ދޭ ޚިދުމަތެކެވެ.

ސިނަމާލެ ބަހުގެ ޚިދުމަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ޚާއްބަ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ގްރޭޓަރ މާލޭ ބަސް ސްޓޭޝަނުން މި ޚިދުމަތް މާދަމާ ހެނދުނުން ފެށިގެން ލިބިގެންދާނެ ކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުމާލެއިންވެސް މި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

"މާދަމާގެ ހުރިހާ ފްލައިޓެއްގެ ޗެކިންގ ފަށާ ހިސާބުން ފެށިގެން ސިޓީ ޗެކިންގެ ޚިދުމަތް މާލޭ ބަސް ސްޓޭޝަނުން ފަށާނެ. ހުޅުމާލޭގައި އަޅުގަނޑުމެންގެ ސަރވިސް ޤާއިމުކޮށްފައި ވާނީ ހުޅުމާލޭގެ މެދުތެރޭގައި ކަމަށާއި، ހޯމަ ދުވަހުގެ ފްލައިޓްތަކުގެ ޗެކިންގ ފެށުމާއެކު ހުޅުމާލެއިން ޚިދުމަތް ލިބިގެންދާނެ." މޯލްޑިވިއަންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ވިދާޅުވީ، ސިޓީ ޗެކިންގެ ޚިދުމަތަކީ އެ ޚިދުމަތުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތެއް ލިބިގެންދާނެ ޚިދުމަތެއް ކަމަށެވެ.

"ވަރަށް ބޮޑެތި ފަސޭހަތަކެއް މީގެން ލިބިގެންދާނެ. އޭގެ ތެރެއިން އެންމެ ޚާއްޞަ ކަމަކީ ޕަސެންޖަރުންނާ ނުލައި އަޅުގަނޑުމެން ޗެކިން ކުރިއަށް ދިއުން. މާނައަކީ ގޭގައި ތިބެގެން އައިޑީ ކާޑާއި، ބޭނުންވާ ޑިކިއުމެންޓްތަކާ އެއްކޮށް ސިޓީ ޗެކިންގ ސެންޓަރަކަށް ދުރުވުމުން ޗެކިން ވެވޭނެ." މޯލްޑިވިއަންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަސް ސްޓޭޝަނުން އެއާޕޯޓަށް ދާންޖެހޭ ވަކި ގަޑިތަކެއް ކަނޑައެޅިފައިވާ ކަމަށާއި، އެގޮތުން ޑޮމެސްޓިކް ފްލައިޓްތަކަށް 45 މިނެޓް އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް އެއް ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމުގެ ކުރިން ހުރިހާ ބެގޭޖެއް ސިޓީ ޗެކިންގ ސެންޓަރަށް ހަވާލު ކުރެވޭނެ ކަމަށެވެ.

"ސިޓީ ޗެކިންގެ ޚިދުމަތުން އެއްވެސް ކަހަލަ ފީއެއް އަޅުގަނޑުމެން ނުނަގާނަން." ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ކިބިގެންދާނެ ޚިދުމަތަކީ ހިލޭ ދެވޭ ޚިދުމަތެއްކަން ހާމަކުރައްވާ މޯލްޑިވިއަން އިން ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން މާލެއިން ފްލައިޓްތަކަށް ޗެކިން ވުމުގެ ޚިދުމަތް ދޭން ފަށާއިރު، މިއަދު ހަވީރު ބުރިޖުގެ ބަސް ދަތުރުތައް ވަނީ ފަށާފައެވެ. ބަހުގެ ޚިދުމަތުންވެސް ފަސް ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނެގުމަށް އެމްޕީއެލް އިން ވަނީ ނިންމާފައެވެ. ހަމަ އެއާއެކު މިއަދު ހަވީރު 04:00 އިން ފެށިގެން ސިނަމާލެ ބުރިޖު އާއްމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީވެސް ފީއަކާ ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު