ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތާއި ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ "އެންޓި ޑިފެކްޝަން" ބިލްގެ ފުރަތަމަ ކިޔުން އިއްވުން މިއަދު ބާއްވާ ރައްޔަތުންގެ މަޖިލީހުގައި ކުރިޔަށްދާނެއެވެ.

ޕީޕީއެމްގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.

ފަނޑިޔާރުންގެ ގާނޫނުގެ އިތުރުން މަޖިލީހަށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭނެކަން ކަނޑައަޅާ ގާނޫނުގެ މަސައްކަތްތައް މިއަދު ފަށާނެ އެވެ. އަދި އެފަދަ ގޮތަކަށް ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމުގެ އިޖުރާއުތަކާއި އުސޫލުތައް ވެސް އެންޓި ޑިފެކްޝަން ގާނޫނުގައި ހަދާ ގާނޫނުގައި ބަޔާންކުރާނެ އެވެ.

އެ ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޔާޝް

    މަޖިލީސް ގޮނޑިއަށް އަމިއްލަގޮތުގައި ވާދަނުކުރެވޭގޮތް ހަދަންވީ. މި ގައުމުގައި މި އޮތީ ޕާޓީ ނިޒާމް. އެހެންވީމާ ޕާޓީއެއްގެ ތެރެއިން ވާދަކުރެވޭގޮތް ހަމަޖައްސަންވީ. އެހެންނޫނިއްޔާ އެ މެމްބަރުން...................................................

  2. ކިޔުންތެރިޔާ

    މިފަދަ ނާޒުކު ދަނޑިވަޅެއްގައި ތި ބިލުން ވާނެ ފައިދާއެއް ނޯންނާނެ. އެހެނީ ތި ބިލަކީ ޖަޒުބާތުގަ ޖެހިގެން ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ކޮށާފައިވާ ދަންތުރައެއް. އާޚިރުގައި ތިއިން ވާ ގެއްލުން ތަޙައްމަލް ކުރާނީ ދިވެހިރާއްޔިތުން. އެއީ ތި ބިލަކީ ވަގުތީ ކަމެއް ކުރުމަށް ފާސްކުރަން އުޅޭ އެއްޗަކަށް ވާތީ. އިދިކޮޅަކަސް އެއްކޮޅަކަސް މިފަދަ މުހިއްމު ކަންތައްތައް ކުރަންވާނީ އިޚްލާޞްތެރިކަމާއިއެކު ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް. މިހާރުވެސްދިވެހިރާއްޖޭގައި ނެތީ އިޚްލާޞްތެރިކަމާއި، ޢަދުލު އިންޞާފް. (ޢަދުލުވެރިކަން ނެތް ކޮންމެތާކު އޮންނާނީ ލާއިންސާނީ ޢަމަލުތަކާއި، އަނިޔާ. އެތަނަކަށް ދުވަހަކުވެސް ދާއިމީ ހަމަޖެހުމެއް ނުލިބޭނެ) ﷲ އަށް ބިރުވެތިވެ އިޚްލާޞްތެރިވުމަށް

  3. ކިޔުންތެރިޔާ

    ވަގުތީ މަންފާއެއް ޙާޞިލްކުރަން ރާވާ ދަންތުރައެއް. ބިލުންވާނެ ފައިދާއެއް ނެތް. ބިލްފާސްކުރުމާއިއެކު ދެން އޮންނާނީ އެ ޤާނޫނަށް އަބަދު އިސްލާޙް ގެނައުން. އެއީ މިކަން މިކުރަނީ އިޚްލާސްތެރިކަމާއިއެކު ގައެއް ނޫން