މަޖިލިސް މެންބަރުންނަކީ ދިވެހިރާއްޖޭގެ ރައްޔިތުން ތަމްސީލު ކުރުމަށް މަޖިލީހަށް ފޮނުވާފައި ތިބޭ ރައްޔިތުންގެ މަންދޫބުންނެވެ. އެހެންކަމުން އެއްވެސް ހާލެއްގައި މެންބަރުން އަމިއްލަ އެދުންވެރިކަން އިސްކޮށްގެން ނުވާނެއެވެ. އަދި މެންބަރުން ވާންވާނީ ރައްޔިތުންނަށް އިޙްލާސްތެރި އަދި ރައްޔިތުންގެ އިޙްސާސްތަށް ދަންނަ މެންބަރުންނަށެވެ.

ވޯޓު ނަގާދުވަސް ކައިރިވުމުން ނުވަތަ އިންތިހާބަށް ކައިރިވުމުން ރައްޔިތުންގެ މަތިން ހަނދާން ހުންނަ އެތަކެއް މެންބަރުންނެއް އެބަތިއްބެވެ. އިންތިހާބުގެ ކުރިން އެމެންބަރެއް ދާއިރާގެ މެންބަރުންގެ ލޮލުގައި އަނދުން އަޅުވައި ފޮނި ހުވަފެންތަށް ދެއްކި އެތަށް މެންބަރުންނެއް އަދުގެ މަޖިލީހުގައި އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލީހަކީ ތާހިރު އަދި ނަމޫނާ ތަނަކަށް ހަދަން އެބަޖެހެއެވެ. އެތަން ނަމޫނާތަނަކަށް ހެދޭނީ އެތަނުގައި ރައްޔިޔުން ތަމްސީލު ކުރަން ތިބި މެންބަރުން މަސައްކަތް ކޮށްފި ނަމައެވެ. އެމެންބަރުން މަޖިލިސްތެރޭގައި ބޭއަދަބީ ބަސްބަސް ބޭނުންކޮށް އަޑުގެ ނެތްތަނަށް ހަޅޭ ލެވިޔަސް އެއީ އެބޭފުޅުންގެ ގަޓުކަން ހާމަކޮށްދޭ ކަމެއް ނޫނެވެ. އަދި އެއީ އެބޭފުޅެއްގެ ދޫ ފަރިތަކަން ހާމަކޮށްދޭ ކަމެއްވެސް ނޫނެވެ. އެއީ އެމެންބަރެއްގެ އަގު ދާއިރާގެ ރައްޔިތުންގެ މެދުގައި ވެއްޓިގެންދާ ކަމެވެ.

މަޖިލީހަށް ފޮނި އުންމީދުތަކާއި އެކު އެތަށް ރައްޔިތުންނެއްގެ ވޯޓާއި އެކު ހޮވާފައި ތިބި މެންބަރުންނަކީ ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ބައެއް ނަމަ އެބޭފުޅުން މެންބަރު ކަމުގެ ގޮނޑީގައި ތިބެން ލަދު ގަންނަން ޖެހޭނެއެވެ. ބޮޑު މުސާރަ ނަގައިގެން އެއްވެސް ކަމެއް ނުކޮށް ގޭގައި އަތް އުރާލައިގެން އޮތުމަކީ އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެކެވެ.

ދާއިރާގެ ރައްޔިތުންގެ އިހްސާސްތަށް އެންމެ ކައިރިން ދެނެގަނެ ރައްޔިތުންގެ އަޑު އަހާ ނިކަމެތި ރައްޔިތުމީހާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭ މީހާ، ދާއިރާގެ ކުރިއެރުމާއި އެދާއިރާއެއްގެ ރައްޔިތުންނަށް ލާބަ ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަކީ ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ.

ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި އެމެމްބަރުން މަޖިލީހަށް ހޮވިނަމަވެސް އެ މެންބަރުންގެ ހަމަ އެކަނި ޒިންމާއަކީ ޕާޓީ ނިކަމެތިވާ ވަގުތު ޕާޓީ ނެގެހެއްޓުމަށް މަސައްކަތް ކުރުމެއް ނޫނެވެ. އެ މެންބަރުންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އެބަޔެއްގެ ވޯޓުން މެންބަރުކަމަށް އިންތިހާބުވި ރައްޔިތުމީހާގެ މަންފާއަށް މަސައްކަތް ކުރުމެވެ. ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރުމެވެ.

ރިޝްވަތަކީ ދީނުގައި ހަރާމް ކުރައްވާފައިވާ ފާފަތަކުގެ ތެރެއިން ނުބައިވެގެންވާ ފާފައެވެ. އެހެނަސް އަދުގެ ބައެއް މެންބަރުން އެއްވެސް ޖެހިލުމެއް ނެތި މިދަނީ ފައިސާއަށް ވިކެމުންނެވެ. އިއްޔެ ޕީޕީއެމްއިން ފެނުން މެންބަރުން މިއަދު އެމްޑީޕީއިން ފެނުން ނުވަތަ އިއްޔެ ޖޭޕީއިން ފެނުން މެންބަރެއް މިއަދު އެމްޑީއޭއިން ފެނުން އެއީ ބަލައިގަނެވޭނެ ކަމެއް ތޯއެވެ؟ ނޫނެކެވެ. އެއީ އެ މެންބަރެއްގެ ދާއިރާގެ މީހުންނަށް ބަލަން ކެރޭނެ މަންޒަރެއްތޯއެވެ؟ ދާއިރާގެ މެންބަރުންނަށް ފާޅުގައި ހަރާމްކޯރު ވަމުންގެންދާއިރު ރައްޔިތުމީހާ އަށް ކުޅިބަލަން ހުރުން ނޫން އެހެން ގޮތެއް ނެތެވެ.

ނަމަވެސް ދާދި ފަހުން މަޖިލީހުން ފާސްވެގެންދިޔަ އެންޓި ޑިފެންޝަން ބިލާއި އެކު އެ މައްސަލައަށްވެސް ހައްލެއް ލިބުނީއެވެ. އެ ބިލަގައި ވާގޮތުން މެންބަރު ކަމަށް އިންތިހާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ހަޤީގަތަށް ބުނާނަމަ މި ބިލަކީ މެންބަރުން ރިޝްވަތަށް ވިކުމަށްވެސް އޮތް ހައްލެކެވެ. އެހެނީ ގިނަ ފަހަރަށް މެންބަރުން ރިޝްވަތު މި ހިފަނީ ޕާޓީ ބަދަލުކުރުމުގެ ތެރޭގައި ކަމަށް ތުހުމަތު ކުރެވެއެވެ. އެފަދަ މެންބަރުންނަކީ ދާއިރާގެ ރައްޔިތުންނަށް ގައްދާރުވާ މެންބަރުންނެވެ. އެފަދަ މެންބަރުންނަކީ ދާއިރާއަށް އިހްލާސްތެރި މެންބަރުންނެއްވެސް ނޫނެވެ. އެފަދަ މެންބަރުންނަކީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ އަމިއްލަ އެދުންވެރިކަން ބޮޑު މެންބަރުންނެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ވަނީ މަދު މެންބަރުންތަކެކެވެ. މެންބަރުންގެ އަދަދު 86 އަކަށް އަރާއިރު މަޖިލީހަށް ގަވައިދުން ހާޒިރު ވަނީ އެންމެ 40 ވަރަކަށް މެންބަރުންނެވެ. ބާކީ ތިބި މެންބަރުން ކޮބާތޯއެވެ؟ މަޖިލީހަށް ހާޒިރުނުވާ މެންބަރުންގެ ޒިންމާއެއް ނެތީތޯއެވެ؟ ނޫނެކެވެ. އެ މެންބަރުންނަކީ ވެސް ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ޒިންމާތަކެއް އޮންނާނެއެވެ. ޒިންމާ އަދާކުރަން ޖެހޭނެއެވެ. ކަމެއް ނެތި ގޭގައި ތިބެގެން ނުވާނެއެވެ. މުސާރަ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ނުކޮށް ދާއިރާގެ މެންބަރުންގެ މަންފާއަށް މަސައްކަތް ކުރާށެވެ. ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ދަމަހަށްޓަދޭށެވެ. ރައްޔިތުންގެ އަޑު އަހާށެވެ. އެރަށްޔިތުން ސަލާން އެޖަހަނީ ދާއިރާގެ ތަރައްޤީއަށެވެ. އިތުބާރުކޮށްފައި ފޮނި އުންމީދާއި އެކު ދިން ވޯޓުގެ ބަދަލުގައި ތެޔޮ ހަމެއް ނުދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޗ

    ރައްޔިތުންގެ ހައްގު އޮއްނަނީ ހަމަ އެކަނި އެމީހުންނައް ވެރިކަން ލިބޭނެ ހެން ހީވަންޏާ..

  2. ހުސެން

    އެއީ ޔާމީނު މަޖިލިސް ރައްޔިތުންނޭ ނުކިޔާ

  3. ޑޮން އަހުމަދު

    ރައްޔިތުން ތަމްސީލުކުރާ ބައެއް މެމްބަރުން ނުހައްގުން ޖަލުގައި. ކޮބާ ރައްޔިތުންގެ ހައްގު؟ އެއީ ސަރުކާރުން ރައްޔިތުންނަށްދޭ ނިކަމެތިކަމެއް ނޫންތަ އަޅެފަހެ؟

  4. ރިޒާ

    ރަައްޔިތުންގެ ހައްޤުތައް ގެއްލުވާލާ ބިލްތައް ހަދާ ފާސްކުރާ ތަނަކަށް ކޮންމެހެން ދާނެކަމެއްނެތް ' އެތަނަށް ނުދާން އަޅުގަނޑު ތާއީދު

  5. ޖޭމްސް

    ރިސްވަތު ކޭ މީހުންނާ ބައިތުލްމާލު ފެންފޮދަކާ ނުލާ ދިރުވާލައިގެން ތިއްބެވި ބޭފުޅުން ވަރަށް ސާފު ... އިންސާ ﷲ .. އިންސާފުގެ މައިދާނަށް ހާޒިރު ކުރެވިގެން ދާނެ ދުވަސް ކައިރިވެއްޖެ...

  6. އިންޞާފު

    މަޖިލިސް މެންބަރުން ވިޔަސް އޮންނަ އުޞޫލުގެ ދަށުން ޗުއްޓީ ނެގުން ނުވަތަ ސަލާން ބުނުމަކާ ނުލައި މަސައްކަތް ނުކުރާ ދުވަސްތަކަށް މުސާރާ ނުލިބޭ ގޮތަށް ހަދަންވީ..! ދައުލަތުގެ މާލިްޔަތުން ލައްކަ ފައިސާއެއް ސަލާމަތް ވާނެ..!

  7. ޖަމީލު

    އެމީހުން ބޭރުކުރޭ

  8. ޮކޮއި

    އެއްވެސް ވަރަކަައް ރިސާރޗް ކޮއްލުމެއްނެތި ލުޔެފައިވާ ލިޔުމެއްތީ...

  9. ގެޭގަ

    ބަލަ ގޭގަ ކަލޭމެން ފާސް ކުރަން ބޭނުންވާ ބިލެއް ފާސް ކުރަމެންނު

  10. ޑާސް

    ޥަގުތަކީތާކުންތާކުޖެހޭއެއްޗެއްލިޔާބައެއްނޫން