ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ފުލުހުންގެ ބަންދުގައި ހުންނަވާތާ ތިން މަސް ދުވަަސް ފުރިހަމަ ވީއެވެ. ރައީސް މައުމޫނާއި، ރައީސް މައުމޫން އާއިލާ އަދި ޤާނޫނީ ވަކީލުން ވެސް މިހާރު ވިދާޅުވަމުން ގެންދަވަނީ ރައީސް މައުމޫން އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ ރައީސް މައުމޫންގެ ފުރާނަފުޅަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ކޮށްދިނުން އެދި އެބޭފުޅުން އެބަ "އާދޭސް ކުރައްވައެވެ."

ރައީސް މަައުމޫންގެ ވެރިކަމުގެ 30 އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް މައުމޫން ސިފަ ކުރީ އަނިޔާވެރި، ހުދުމުހުތާރު ވެރިއެއްގެ ގޮތުގައެވެ. އެތައް ބަޔަކަށް ނުޙައްޤުން ޖަލުގައި އެތައް އަނިޔާއެއް ދިން ކަމުގެ ތުހުމަތު ރައީސް މައުމޫންގެ މައްޗަށް ބައެއް މީހުން ކުރެއެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ރައީސް މައުމޫން ބޭނުންފުޅުވި ގޮތައް ހުރިހާ ކަމެއް ނިންމުމުގެ ބާރާއި، އިހްތިޔާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮވެގެންނެވެ. އެއީ ކުށެއްގެ ތުހުމަތު މީހަކަށް ކުރެވުނު ނަމަވެސް އެތައް ދުވަހެއް ވަންދެން ތަޙްޤީޤުގައި ސުވާލު ކޮށްލުމެއް ވެސް ނެތި ހައްޔަރު ކޮށްގެން ގެންގުޅުނު ދުވަސް ވަރެވެ.

އެތައް މައިންނެއް، އެތައް ބަފައިންނެއް، އެތައް އަނބިންނެއް، އެމީހުންގެ ދަރިން، އެމީހުންގެ ފިރިން ނުކުރާ ކުށަކަށް އަދަބު ދޭތީ ރައީސް މައުމޫނަށް ފޮނުވި ސިޓީތަކަށް އެދުވަހު ޖަވާބު ނުލިބުނު ކަމަށް މީހުން ބުނެއެވެ. އެދުވަހު ބަލި ހާލު ބޮޑުވެގެން އެތައް ގައިދީންނެއް މިނިވަންކޮށްދިނުމަށް ކުރި އާދޭހަށް ލިބުނު އެކަށީގެންވާ ޖަވާބެއް ނެތެވެ.

މިއަދު ރައީސް މައުމޫން އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަން ވައްޓާލަން އުޅުމުން ހައްޔަރުކޮށްފައި ވާއިރު ރައީސް މައުމޫން ޖަލުން ނިކުންނަވަން ކުރާ "އާދޭސް" އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނަނީ މިއީ ރައީސް މައުމޫނަށް އެމަނިކުފާނުގެ ވެރިކަމުގައި މީހުން ކުރި އާދޭސްތައް ހަނދާންނަށް އަންނާނެ ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް އަނެއް ބަޔަކަށް ރައީސް މައުމޫންގެ "އާދޭސް" ވެފައި ވަނީ ހިތުގައި ހަމްދަރުދީ އުފައްދައިދޭ އާދޭހަކަށެވެ. އުމުރުފުޅުން 82 އަހަރު ވެފައި ވާއިރު ޖަލެއްގައި ބަންދުކޮށްގެން އެފަދަ ޚިދުމަތްތެރިއަކު ގެންގުޅުމަކީ ސަރުކާރުގެ "އަނިޔާވެރިކަން" ކަމަށް އެފަދަ މީހުން ބުނެއެވެ.

ރައީސް މައުމޫނާއި މިހާރު ސިޔާސީ ފިކުރު ދިމާނުވާ ބޭފުޅުންގެ ނަޒަރުގައި މިފެންނަނީ ޤާނޫނުގެ ހަމަހަމަކަމެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް ޤާނޫނުގެ އަމުރު ހިނގާ މަންޒަރެވެ. އުމުރުން 82 އަހަރުގައި ކުށެއް ކުރަން ފަސް ނުޖެހުނު އިރު އުމުރުން 82 އަހަރުގައި އަދަބެއް ތަހަންމަލް ކުރަން ނުކެރުމަކީ ފިނޑިކަން ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

މަންޒަރު ބަލާ ކޮންމެ މީހަކަށް ވެސް ކުރާ ސުވާލަކީ ތަޤުދީރު ކުރެހި ކުރެހުން ބަލައިބަލާށެވެ. އިއްޔެ އެއީ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ބޭފުޅާއެވެ. އޭގެ ފަހުން ވެސް ސިޔާސީ ޕާޓީއެއް އުފައްދަވާ އެޕާޓީގެ ރައީސް ކަމުގައި ހުންވަނިކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމަށް ވަޑައިގެންނެވިއެވެ. އެއީ އެއްބަފާ ކޮއްކޯފުޅެވެ.

ނަމަވެސް މިއަދު ފެންނަ މަންޒަރު ބަލާށެވެ. މިއަދު ދަރިންނާއި، ދެތިން އެކްޓިވިސްޓުން ފިޔަވައި ރައީސް މައުމޫނަށް ސަޕޯޓްކޮށް އަޑުއުފުލާނެ މީހަކު ނެތެވެ. އިދިކޮޅު ފަރާތްތަކުގެ ހިޔަނީގައި ނެތް ނަމަ މިއަދު ރައީސް މައުމޫންގެ ވާހަކަ ދައްކާނެ މީހުން އަދި މިހާރަށް ވުރެ ވެސް މަދު ވާނެއެވެ.

ތަޤުދީރު ކުރެހި ކުރެހުމަކާއި ދެކޮޅަށް ތަދުބީރަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މާސް

    ޅިބެންވާ ހައްގު އަދަބު ލިބެން ޖެހާނެ ކުަަށެއްކުރީމާ އަދަބުދޭން މޮލެއް ދެރަޔެއް ނޯންނާނެ

  2. ރިސާޗް

    ރައީސް ޔާމީނަށް ވަރަށް އަވަހަށް ތަޤްދީރު ކުރަހާ ކުރެހުންވެސް ފެންނާނެ... އަދުރޭ އާއި ނިހާނަށް ވެސް ފެންނާނެ... ގާޒީންނަށް ފެންނާނެ މާ ބޮޑަށްވެސް... އިންޝާ ﷲ.

  3. ނަސީދު

    އަޅުގަނޑުމެންވެސް ޖަލަށްލިއެވެ.ހާދަހިއްވަރެއް ނެތޭދޯ

  4. އަލީ

    ހިއްވަރުކޮށްލައްވާ އަންނިކަލޯއަންނާނެ ސަލާމަތްކުރަން

  5. އަލީ

    ތީވަރައްހިއްވަރު ގަދަ ބޭފުޅެއްނު

  6. މާރިޔާ

    އެތައް ބަޔަކަށް ނުޙައްޤުން ޖަލުގައި އެތައް އަނިޔާއެއް ދިން ކަމުގެ ތުހުމަތު ރައީސް މައުމޫންގެ މައްޗަށް ބައެއް މީހުން ކުރެއެވެ. މިއީ ހަމަހަގީސައް ފޭއްސުނުއިލޮށިކޮޅު...

  7. އަސްލަމް

    ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ރައީސް މައުމޫން ބޭނުންފުޅުވި ގޮތައް ހުރިހާ ކަމެއް ނިންމުމުގެ ބާރާއި، އިހްތިޔާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮވެގެންނެވެ. އެއީ ކުށެއްގެ ތުހުމަތު މީހަކަށް ކުރެވުނު ނަމަވެސް އެތައް ދުވަހެއް ވަންދެން ތަޙްޤީޤުގައި ސުވާލު ކޮށްލުމެއް ވެސް ނެތި ހައްޔަރު ކޮށްގެން ގެންގުޅުނު ދުވަސް ވަރެވެ. ޢޭދަރީންނޭ ވިސްނާބަލާ

  8. ޚަސީލް

    އެވަރުގެ މީހަކު މޮޅުކޮށްފަ އެވަރު މީހަކު ނެތް ކަމަށް ތިޔަ ވަގުތު މީހުން ވާހަކަ ދައްކާފަ ރިޕޯޓް ލިޔުން ތަން ވެސް އަހަރުމެން ދެކުނިން. ތަގްދީރު !

  9. ޙުސޭނުބޭ

    އަޅުގަނޑުގެ ދެދަރިންގެ އަމާގެގޯތި ސަރުކާރަށް ނެގީ އެ ބިން ސަރުކާރަށް ބޭނުންވެގެންެވެ. އޭގެ ބަދަލުގައި ދިންގޯތި ނެގި ގޯއްޗަށްވުރެ 650 އަކަފޫޓް ކުޑައެވެ. މިކަމުގެ ޝަކުވާ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ހުށައަޅާ ކާމިޔާބު ނުވުމުން ރައީސަށް ހުށައެޅުމުން ދެއްވި ޖަވާބަކީ ކަމާބެހޭފަރާތްތަކަށް ދންނަވައިގެން ކުރިޔަށް ދިޔުމަށެވެ. ކަމާބެހޭފަރާތްތަކަށް ހުށައަޅައިގެން ހައްލެއް ނައިސްގެނޭ މަނިކުފާނަށް މި އިލްތިމާސްކުރީ ލިޔެފަ ފޮނުވި ސިޓީއަށް އައިސްފައި އޮތީ ކުރު ފޮނި ޖަވާބެކެވެ.
    "ޖަވާބު:: އެއޮތީ މިއޮފީހުގެ ނަމްބަރު ..... ސިޓީއިން ޖަވާބު އަރުވާފައެވެ".

  10. ދިއްދޫ

    30އަހަރު ވެރިކަން ކުރެއްވީ ކޮންބަޔަކަށް އަނިޔާދެއްވައިގެންތަ؟ ކަލޭމެން ތިބުނަނީ ކޮން އަނިޔާއެއްގެ ވާހަކައެއްތަ؟ މިހާރަކު ތިކިޔާ އަނިޔާއާ ގާނޫނާ ދިމައެއްނުވާނެ. ގާނުނު ތެރެއިން ކުރިކަމެއް ކުރީ ކޯޓުން. އޭރު އޮންނަގޮތާ މިހާރު ގާނުނުތަކަށް އައިސްފައިވާ ބަދަލު ހާސްބައި ތަފާތު. ދެން އަނިޔާއަކީ މިހާރުވެސްހެން އެމީހަކު އަމިއްލައަށް ލިބޭ އެއްޗެކޭ ބުނެވޭނީ.

  11. ނަސީމު

    ބަންދެއް، ވެރިކަމެއް، މަޤްބޫލު ކަން މުހިއްމެއް ނުވަާނެ. މުހިއްމު ވަނީ އެދުނިޔެ އިން ސުވަރުގެ ލިބުން. ނަބިއްޔުންނަށް ވުރެ ވޭނާ އުނދަގޫ ތހައްމަލު ކުރަންޖެހުނު ބައެއް ނެތް.

  12. ދީބު

    ފުންކޮށް ވަރަށް ފުންކޮށް އިސްލާމީ ވިސްނުމަކުން މި މަންޒަރު ބަލާލެވިއްޖެނަމަ، ލައްކަ ޢިބްރަތް ލިބިގަނެވޭނެ.